އިންޓަ-ޕާލިމެންޓަރީ ޔޫނިއަން (އައިޕީޔޫ) ގެ 152 ވަނަ އެސެމްބްލީގައި ބައިވެރިވެވަޑައިގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، އޮނަރަބަލް ޢަބްދުއްރަޙީމް ޢަބްދުالله ތުރުކީވިލާތުގެ އިސްތަންބޫލަށް ފުރާވަޑައިގެންފިއެވެ.
ތުރުކީވިލާތުގެ ގްރޭންޑް ނެޝަނަލް އެސެމްބްލީން އިންތިޒާމުކޮށްގެން ބާއްވާ މި މުހިންމު ބައްދަލުވުން ކުރިއަށްދާނީ މި އެޕްރީލް މަހުގެ 15 އިން 19 ގެ ނިޔަލަށެވެ. މިފަހަރުގެ އެސެމްބްލީގެ މައިގަނޑު ބަހުސް އަމާޒުކޮށްފައިވަނީ "އުންމީދު ދިރުވައި، ޞުލްޙަ ކަށަވަރުކޮށް، ކުރިއަށް އޮތް ޖީލުތަކަށް ޢަދުލު އިންސާފު ޔަގީންކުރުން" މި މައުޟޫޢުގެ މައްޗަށެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަމަނުޖެހުންތަކާއި ހަނގުރާމަތައް ހިނގަމުންދާ މި ނާޒުކު ދަނޑިވަޅުގައި، މިއީ މައްސަލަތަކަށް ޞުލްޙަވެރި ޙައްލުތަކެއް ހޯދުމަށް ދުނިޔޭގެ ޤާނޫނު ހަދާ މަޖިލީސްތަކުގެ މެންބަރުންނަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށް ލިބިގެންދާނެ މުހިންމު ފުރުޞަތެކެވެ. ދުނިޔޭގެ ޤާނޫނު ހަދާ މަޖިލީސްތައް ތަމްސީލުކުރާ އެންމެ ބޮޑު ޖަމާޢަތް ކަމަށްވާ އައިޕީޔޫގެ މި އެސެމްބްލީގެ ތެރެއިން އެ ޖަމާޢަތުގެ ގަވަނިން ކައުންސިލާއި، ސްޓޭންޑިން ކޮމިޓީތަކާއި، އިންސާނީ ޙައްޤުތަކާ ބެހޭ ކޮމިޓީ އަދި މެދުއިރުމައްޗާ ބެހޭ ކޮމިޓީގެ ބައްދަލުވުންތައް ކުރިއަށްދާނެއެވެ.
މީގެ އިތުރުން އަންހެނުންނާއި ޒުވާނުންނަށް ޚާއްޞަކުރެވިފައިވާ ފޯރަމްތައް ބޭއްވުމަށް ހަމަޖެހިފައިވާއިރު، އައިޕީޔޫގެ ނުވަ ވަނަ ސެކެޓެރީ ޖެނެރަލް އިންތިޚާބުކުރުން ވެސް މި ބައްދަލުވުމުގެ ތެރެއިން ކުރިއަށްދާނެއެވެ.
ކޮމެންޓު ފޮނުވާ