ޑެންގީ ހުން ޖެހިގެން 23 އަހަރުގެ ޒުވާނެއްގެ ހާލު ސީރިއަސްވެ، އައިޖީއެމްއެޗްގެ އައިސީޔޫގައި ވެންޓިލޭޓަރުގައި ފަރުވާދޭން ފަށައިފިއެވެ.
މިދިޔަ ހަފުތާގައި ހުން އައިސްގެން މި ޒުވާނާއަށް އެންމެ ފުރަތަމަ ފަރުވާދިނީ ށ. މިލަންދޫގައެވެ. ނަމަވެސް ބަލިމީހާގެ ހާލު ގޯސްވުމާ ގުޅިގެން ހދ. ކުޅުދުއްފުށީ ހޮސްޕިޓަލަށް ފޮނުވާލުމަށްފަހު، އިތުރު ފަރުވާއަށް މާލެ ގެނެސް އައިޖީއެމްއެޗްގައި އެޑްމިޓްކޮށްފައިވަނީ އިއްޔެއެވެ.
މިލަންދޫގައި ޑެންގީގެ ކޭސްތައް އަންނަނީ ކަންބޮޑުވާ މިންވަރަކަށް އިތުރުވަމުންނެވެ. އެ ރަށު ހެލްތު ސެންޓަރުން މައުލޫމާތު ދޭގޮތުގައި މިދިޔަ ނޮވެމްބަރު މަހުން ފެށިގެން ޖެނުއަރީގެ ނިޔަލަށް 30 މީހަކަށް ފަރުވާދީފައިވާއިރު، މިދިޔަ ރޯދަމަހު އެކަނިވެސް 15 މީހަކަށް ވަނީ ބަލިޖެހިފައެވެ. އަދި މި ހިނގާ މަހުގެ މިހާތަނަށްވެސް ފަސް މީހަކަށް ވަނީ ޑެންގީ ޖެހިފައެވެ.
މުޅި ރާއްޖޭގައިވެސް ޑެންގީ ހުން ފެތުރޭ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ތަފާސްހިސާބުތައް ދައްކާގޮތުން، މިދިޔަ އަހަރުގެ މި މުއްދަތުގައި 60 ކޭސް ރިޕޯޓުކުރިއިރު، މިދިޔަ މަހު އެކަނިވެސް 535 ކޭސް ވަނީ ރިޕޯޓުކޮށްފައެވެ. އަދި ފެބްރުއަރީ މަހު 428 ކޭސް ރިޕޯޓުކޮށްފައިވާއިރު، އޭގެ ކުރީ އަހަރުގެ ފެބްރުއަރީގައި ރިޕޯޓުކޮށްފައިވަނީ އެންމެ 76 ކޭހެވެ.
މި ދުވަސްވަރު ޑެންގީގެ ކޭސްތައް ގިނަވަމުންދާތީ، މަދިރީގެ ޒަރިއްޔާއިން ފެތުރޭ މިފަދަ ނުރައްކާތެރި ބަލިތަކުން ރައްކާތެރިވުމަށް ހާއްސަ ސަމާލުކަމެއް ދީ، މަދިރި އާލާވާ ތަންތަން ނައްތާލުމަށާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ.
ކޮމެންޓު ފޮނުވާ