މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުން އަބްދުލްމަތީން މުހައްމަދު މިއަދު އިސްތިއުފާދެއްވައިފިއެވެ.
ސަރުކާރުގެ މައި ފެން ކުންފުނީގެ އެންމެ އިސް މަގާމުން އޭނާ އިސްތިއުފާދެއްވިކަން ހާމަކުރެއްވީ ފޭސްބުކް މެދުވެރިކުރައްވައި އާންމުކުރެއްވި ޕޯސްޓެއްގައެވެ. ވެރިކަންކުރާ ޕީއެންސީގެ އިސް ސަފުގައި ހަރަކާތްތެރިވެވަޑައިގަންނަވާ މަތީން މަގާމުން ދުރަށްޖެހިވަޑައިގަތް ވަކި ސަބަބެއް އަދި ހާމަކުރައްވާފައެއް ނުވެއެވެ. އޭނާ އެ ކުންފުނީގެ އެމްޑީކަމާ ހަވާލުވެވަޑައިގަތީ 28 ނޮވެމްބަރު 2023 ގައެވެ.
އިލެކްޓްރިކަލް އިންޖިނިއަރިންގެ ދާއިރާއިން ގިނަ ތަޖުރިބާތަކެއް ހޯއްދަވާފައިވާ މަތީން ވަނީ މީގެ ކުރިން ސްޓެލްކޯގެ އިތުރުން ޔޫޓިލިޓީ އެހެން ކުންފުނިތަކުގައި ވެސް އިސް ދައުރެއް އަދާކުރައްވާފައެވެ. އޭގެ އިތުރުން، އޭނާއަކީ ރާއްޖޭގައި އިއާދަކުރަނިވި ހަކަތައިގެ ދާއިރާ ތަރައްގީކޮށް ކުރިއެރުވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ.
މަތީންގެ އިތުރުން ސަރުކާރުގެ އެހެން ބައެއް ބޮޑެތި ކުންފުނިތަކުގެ ވެރިން ވެސް އަންނަނީ މަގާމުން އިސްތިއުފާދެއްވަމުންނެވެ. އެގޮތުން މިއަދުގެ ވަގުތެއްގައި މިފްކޯގެ އެމްޑީ އަދި ސީއީއޯގެ މަގާމުގައި ހުންނެވި ރިޓަޔާޑް ބްރިގޭޑިއާ ޖެނެރަލް ފަރުހަތު ޝަހީރު އިސްތިއުފާދެއްވާފައިވާއިރު، އޭގެ ފަސް ދުވަސް ކުރިން އެމްޕީއެލްގެ އެމްޑީ މުހައްމަދު ރިޝްވާން ވެސް ވަނީ މަގާމުން އިސްތިއުފާދެއްވާފައެވެ.
ކޮމެންޓު ފޮނުވާ