އެމްޑީޕީގެ އެޑްވައިޒަރުކަން ދެ ރައީސުންނަށް

އެމްޑީޕީގެ އެޑްވައިޒަރުކަން ދެ ރައީސުންނަށް

Author
ޙަސަން މުޙައްމަދު
11 އޭޕްރިލް 2026 11:26
0

އިދިކޮޅު އެމްޑީޕީ ހިންގުމުގެ ކަންކަމުގައި ލަފާދިނުމަށްޓަކައި، ކުރީގެ ދެ ރައީސުން ކަމަށްވާ އިބްރާހިމް މުހައްމަދު ސޯލިހާއި މުހައްމަދު ނަޝީދު ހިމެނިވަޑައިގަންނަވާ ގޮތަށް ހަ މެމްބަރުންގެ ވަގުތީ ކޮމިޓީއެއް އެ ޕާޓީގެ ގައުމީ މަޖިލީހުން މިރޭ ފާސްކޮށްފިއެވެ.

މިފަދަ ކޮމިޓީއެއް އެކުލަވާލާފައި މިވަނީ، ފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގެ ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ރައީސް ނަޝީދަށް ވާހަކަފުޅުދައްކަވަން ފުރުސަތު ނޭރުވި މައްސަލައިގައި ޕާޓީ ތެރޭގައި ބޮޑެތި ހިޔާލުތަފާތުވުންތަކެއް އުފެދިފައި ވަނިކޮށެވެ. މައްސަލަ ހޫނުވެ ބައެއް މެމްބަރުން މަގާމުތަކުން ވަކިކުރުމުގެ ކަންކަން ފެށިފައިވަނިކޮށް، މި އިންޓެރިމް ކޮމިޓީ އެކުލަވާލަން ނިންމީ ފާއިތުވި ދެ ދުވަހު ކުރެވުނު މަޝްވަރާތަކަށް ފަހުގައެވެ.

ޕާޓީއަށް ދާއިމީ ޗެއާޕާސަނަކު އިންތިހާބު ކުރެވެންދެން ޕާޓީގެ ޗެއާޕާސަނަށް ލަފާދިނުމަށް އެކުލަވާލި މި ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ، ޕާޓީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާއާއި، ޕާޓީގެ ރައީސް އަބްދުﷲ ޝާހިދާއި، ކުރީގެ ރައީސް ސޯލިހާއި، ކުރީގެ ރައީސް ނަޝީދާއި، ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލްގެ އިތުރުން އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް ނާޒިލްއެވެ.

މީގެ އިތުރުން، މިރޭގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ވަނީ ރައީސް ސޯލިހާއި ރައީސް ނަޝީދު އެމްޑީޕީގެ އެޑްވައިޒަރުންގެ ގޮތުގައި ހަމަޖެއްސުމަށްވެސް ފާސްކޮށްފައެވެ. އަދި ރާއްޖޭގެ ރައީސްކަން ކުރައްވާފައިވާ އެމްޑީޕީގެ މެމްބަރުންނަށް ގައުމީ މަޖިލީހުން އޮޓަމެޓިކުން ޖާގަ ލިބޭގޮތަށް، ކުރިއަށް އޮތް ބައްދަލުވުމެއްގައި ފާސްކުރުމަށްވެސް އެ ޕާޓީން ވަނީ ނިންމާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.