ބިދޭސީއަކު ރަހީނުކޮށް އަނިޔާދިން 5 މީހެއްގެ ބަންދުގެ މުއްދަތު ކޯޓުން އިތުރުކޮށްފި

ބިދޭސީއަކު ރަހީނުކޮށް އަނިޔާދިން 5 މީހެއްގެ ބަންދުގެ މުއްދަތު ކޯޓުން އިތުރުކޮށްފި

Author
ޙަސަން މުޙައްމަދު
11 އޭޕްރިލް 2026 10:47
0

މާލެ ސަރަހައްދުގައި ބިދޭސީއަކު ރަހީނުކޮށް، ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން އަނިޔާކުރި މައްސަލައެއްގައި ހައްޔަރުކުރި ބަންގްލަދޭޝްގެ ފަސް މީހެއްގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން އިތުރުކޮށްފިއެވެ.

ފުލުހުންނަށް މިދިޔަ މާޗު މަހުގެ 25 ވަނަ ދުވަހު ރިޕޯޓުކުރެވުނު މި މައްސަލައިގައި، ހުޅުމާލޭގައި އިމާރާތްކުރަމުންދާ ސައިޓެއްގެ ތެރޭގައި ރަހީނުކޮށްފައި ހުރި މީހާ ފުލުހުން ހޯދައި ސަލާމަތްކޮށްފައިވަނީ ވިލިމާލެއިންނެވެ. މި ނުރައްކާތެރި އަމަލު ހިންގުމުގައި ބައިވެރިވި ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފައިވަނީ އުމުރުން 30 އަހަރުގެ އެމްޑީ ހޮސައިން އާއި، 34 އަހަރުގެ އެމްޑީ މެހެދި ހަސަން އާއި، 39 އަހަރުގެ އެމްޑީ ޝާ އަލަމް އާއި، 38 އަހަރުގެ ސަރފިފް ހަސަންގެ އިތުރުން 20 އަހަރުގެ ރަސަލްއެވެ.

މި ފަސް މީހުންގެ މައްޗަށް ހުއްދަނޫން ގޮތުގައި މީހުން ހިފެހެއްޓުމާއި، ބިރުދެއްކުމާއި، ކިޑްނެޕްކުރުމުގެ އިތުރުން މާރާމާރީ ހިންގުމުގެ ތުހުމަތު ކުރެވެއެވެ. އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ މީގެ ތެރެއިން އެމްޑީ ހޮސައިންގެ ބަންދަށް 30 ދުވަސް އަދި ދެން ތިބި ހަތަރު މީހުންގެ ބަންދަށް 15 ދުވަސް އިތުރުކޮށްދީފައެވެ.

ކޯޓު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުން، މި މައްސަލައިގައި އަނިޔާ ލިބުނު މީހާއަށް ދީފައިވާ ޖިސްމާނީ ބޮޑެތި އަނިޔާތައް ފެންނަ ފޮޓޯތަކާއި، އޭނާއަށް ބިރުދެއްކުމަށް ބޭނުންކުރި ކަމަށް ބެލެވޭ ވަޅިތަކުގެ ފޮޓޯ ފުލުހުން ވަނީ ހެކީގެ ގޮތުގައި ކޯޓަށް ހުށަހަޅާފައެވެ. އަދި ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން އަނިޔާވެރި އަމަލުތަކެއް ހިންގާފައިވާކަން ތަހުގީގު ކުރާ އޮފިސަރު ވަނީ ކޯޓުގައި ފާހަގަކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.