އެސްޖޭ ކޮންސްޓަރަކްޝަނަށް 111 މިލިއަން ރުފިޔާގެ ބަދަލު ނަގައިދެވެން ނެތްކަމަށް ޙުކުމްކޮށްފި

އެސްޖޭ ކޮންސްޓަރަކްޝަނަށް 111 މިލިއަން ރުފިޔާގެ ބަދަލު ނަގައިދެވެން ނެތްކަމަށް ޙުކުމްކޮށްފި

Author
މުޙައްމަދު ޖިމީ
13 ޖެނުއަރީ 2021 12:09
0

ޒިކްރާ މިސްކިތް ޢިމާރާތްކުރުމަށް އެސްޖޭ ކޮންސްޓްރަކްޝަނާއެކު ހަދާފައިވާ އެއްބަސްވުން ބާޠިލުކުރި މައްސަލާގައި އެކުންފުނިން އެދުނު 111 މިލިއަން ރުފިޔާގެ ބަދަލު ދޭން ނުޖެހޭނެކަމަށް ސިވިލް ކޯޓުން ޙުކުމް ކޮށްފިއެވެ.

ކުރީގެ ޒިކްރާ މިސްކިތް ހުރި ބިމުގައި މިސްކިތް ތަޅާލާ، އޮފީސް ބައިތަކާއެކު "ދާރުލް ޛިކްރާ"ގެ ނަމުގައި ވަޤުފު އިމާރާތެއް އިމާރާތްކުރުމަށް ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން އެސް.ޖޭ ކޮންސްޓްރަކްޝަނާ ރައީސް ޔާމީންގެ ސަރުކާރުން ހަވާލުކޮށްފައިވަނީ 2018 ވަނަ އަހަރުގެ ޖުލައި މަހުގެ 9 ވަނަ ދުވަހުއެވެ.

ޒިކުރާ މިސްކިތް އެޅުމަށް ސަރުކާރުގެ ބަޖެޓުން ޚަރަދު ކުރުމަށް ހަމަޖެހިފައިވަނީ 30 މިލިޔަން ރުފިޔާއެވެ. އަދި ބާކީ ފައިސާ ޚަރަދުކުރުމަށް ހަމަޖެހިފައިވަނީ އެސް.ޖޭ ކޮންސްޓްރަކްޝަނުންނެވެ. މި މަޝްރޫއުގެ ޖުމްލަ އަގަކީ 130 މިލިޔަން ރުފިޔާއެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ 25 މަސްދުވަހުގެ ތެރޭގައި ނިންމާ ހަވާލުކުރުމަށެވެ. ނަމަވެސް އެމުއްދަތުގެ ތެރޭގައި އެސްޖޭ ކޮންސްޓްރަކްޝަނުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކޮށްފައި ނުވާކަމަށް ބުނެ މިސަރުކާރުން ވަނީ އެ އެއްބަސްވުން އުވާލާފައެވެ.
އެހެންކަމުން އެ އެއްބަސްވުން އުވާލުމުން އެކުންފުންނަށް ލިބުނު ގެއްލުމުގެ ބަދަލު ނަގައިދިނުމަށް އެދި އެސްޖޭ ކޮންސްޓަރަކްޝަނުން ވަނީ މައްސަލަ 2019 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 30 ވަނަ ދުވަހު ކޯޓަށް ހުށައަލާފައެވެ.

އެމައްސަލަ ބެއްލެވުމަށްފަހު ސިވިލް ކޯޓުގެ ޤާޟީ ފައްޔާޒް ޝަތިތު ކުރެއްވި ޙުކުމުގައި ވަނީ އިސްލާމިކް މިނިސްޓްރީން އެސްޖޭ ކޮންސްޓްރަކްޝަނާއެކު ހަދާފައިވާ އެއްބަސްވުން ބާޠިލުކުރުމަށް ނިންމާފައިވަނީ އެ އެއްބަސްވުމުގައި ބަޔާންކުރާ ސްޓްރަކްޗަރަލް ޑްރޮވިންގ އާއި، އާކިޓެކްޗަރަލް ޑްރޮވިންގ އެއްބަސްވުމުގައި ބަޔާންކުރާ މުއްދަތުގެ ތެރޭގައި
ހުށަހަޅާފައިނުވާތީކަމަށް ދެފަރާތުގެ ވާހަކަތަކުން އެނގެން އޮތްކަމަށެވެ.

މި މައްސަލަ ބެއްލެވުމަށްފަހު ސިވިލް ކޯޓުން ކޮށްފައިވާ ޙުކުމުގައި ބުނެފައިވަނީ، ދިވެހި ދައުލަތުގެ ފަރާތުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް އާއި އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ދެމެދު 09 ޖުލައި 2018 ގައި ސޮއިކޮށްފައިވާ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތަށް އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުން ޢަމަލުކޮށްފައިނުވާކަން އެނގޭކަމަށެވެ.

އެއްބަސްވުން ބާޠިލުކުރުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްއިން ނޯޓިސްފޮނުވާފައިވަނީ އެއްބަސްވުމާ ޚިލާފަށްކަމަށް ބެލެވެން ނެތްކަމާއި، މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްއިން ނޯޓިސްފޮނުވައި، އެއްބަސްވުން އުވާލާފައިވަނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާއި އެއްގޮތަށްކަމަށް ބެލެވެން ނެތް ނަމަވެސް، އެސްޖޭ ކޮންސްޓްރަކްޝަނުން މި މައްސަލައިގައި ހޯދުމަށް އެދިފައިވާ ގެއްލުމުގެ ބަދަލު ސާބިތުކޮށްދެވިފައިވާނުވާކަމަށްވެސް ސިވިލް ކޯޓްގެ ޙުކުމުގައިވެއެވެ. އަދި މި މައްސަލައިގައި އެސްޖޭ ކޮންސްޓަރަކްޝަނުން ހޯދުމަށް އެދިފައިވާ ގެއްލުމުގެ ބަދަލަކީ އެކުންފުންޏަށް ލިބެންޖެހޭ ފައިސާގެ ގޮތުގައި ހޯދުމަށް އެދިފައިވާ ބަދަލަކަށްނުވާތީ، އެސްޖޭ ކޮންސްޓްރަކްޝަނުން ގެއްލުމުގެ ބަދަލުގެ ގޮތުގައި އެދިފައިވާ އަދަދު ނަގައިދެވެން ނެތްކަމަށް ކަނޑައަޅައި، ޙުކުމްކުރާކަމަށްވެސް ސިވިލް ކޯޓްގެ ޙުކުމުގައިވެއެވެ.

މި މައްސަލާގައި މައްސަލާގައި ބަދަލު ނަގައިދެވެން ނެތްކަމަށް ސިވިލް ކޯޓުން ޙުކުމްކޮށްފައިވާއިރު، ޒިކްރާ މިސްކިތުގެ ހެދުމަށް 2018ވަނަ އަހަރު ކޮންޓްރެކްޓަރާއިއެކު ހެދި އެއްބަސްވުމުގައި ބޮޑެތި އޮޅުވާލުންތައް ހުރިކަމަށް އޮޑިޓް އޮފީހުން ތައްޔާރުކުރި ރިޕޯޓުގައިވެސް ހާމަކޮށްފައިވެއެވެ. އަދި މިމައްސަލާގައި ކުރީގެ އިސްލާމިކް މިނިސްޓަރ، ޑރ.އަޙްމަދު ޒިޔާދާއި، އޭރު އިސްލާމިކް މިނިސްޓްރީގެ އެންޑޯމަންޓް ސެކްޝަންގެ ވެރިއަކަށްހުރި އިބްރާހީމް ޢަބްދުﷲ ސަޢީދުގެ މައްޗަށް ދަޢުވާކުރުމަށް ވަނީ ފޮނުވާފައެވެ.

ޒިކުރާ މިސްކިތް ހުރި ބިމުގައި ޢިމާރާތް ނޭޅި ގިނަ ދުވަސްތަކެއްވެފައިވާއިރު އެތަން އަޅާނުލާ ގިނަ ދުވަސްވެ އޮތުމުގެ ސަބަބުން ވަރަށް ބޯޑަށް ހަޑިވެފައިވާތީ އެ ބިން މިހާރު ވަނީ ސާފްކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.