އައު ޝިޕްމަންޓާއެކު ކައްކާ ގޭސް ދަތިކަމެއްނެތި ލިބެން ފަށައިފި

އައު ޝިޕްމަންޓާއެކު ކައްކާ ގޭސް ދަތިކަމެއްނެތި ލިބެން ފަށައިފި

Author
ޙަސަން މުޙައްމަދު
08 އޭޕްރިލް 2026 01:25
0

ރާއްޖެއަށް ބޭނުންވާ ކައްކާ ގޭހުގެ އައު ޝިޕްމަންޓެއް ގެނެސް، އާންމުންނަށް ދަތިކަމެއް ނެތި ގޭސް ލިބޭނެ އިންތިޒާމު ހަމަޖައްސައިފި ކަމަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ބުނެފިއެވެ.

މިދިޔަ އަންގާރަ ދުވަހު ރާއްޖެއަށް ގެނައި މި ޝިޕްމަންޓާއެކު، މޯލްޑިވްސް ގޭސް މެދުވެރިކޮށް 10 ކިލޯގެ ގޭސްފުޅި މިހާރު އާންމުންނަށް ފަސޭހަކަމާއެކު ލިބޭނެއެވެ. އެސްޓީއޯއިން ބުނީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމަކީ އެ ކުންފުނިން ވަރަށް ބޮޑަށް އިސްކަންދޭ ކަމެއް ކަމަށެވެ.

ދުނިޔޭގެ ބާޒާރުގައި ތެލާއި ގޭހުގެ އަގަށް އަންނަ ބަދަލުތަކާ ގުޅިގެން ރާއްޖޭގައި ގޭހުގެ އަގު އުފުލުނަ ނުދިނުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އެކުލަވާލެއްވި ޚާއްޞަ ކޮމިޓީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އިގްތިސާދީ ތަރައްގީއާ ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވަނީ މިކަމުގެ މައުލޫމާތު ހިއްސާކުރައްވާފައެވެ.

މިނިސްޓަރ ސައީދު ވިދާޅުވި ގޮތުގައި ގޭހުގެ އަގު މެނޭޖުކުރުމާ ގުޅޭގޮތުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމާއެކު ވަނީ މަޝްވަރާކުރައްވާފައެވެ. ބައިނަލްއަގުވާމީ ބާޒާރުގައި މަހަކު އެއްފަހަރު ގޭހުގެ އަގު ކަނޑައަޅާއިރު، މި މަހު ރާއްޖޭގެ އަގު ބިނާކޮށްފައިވަނީ ޓަނެއް ގާތްގަނޑަކަށް 775 ޑޮލަރަށް ވިއްކާ ސައުދީ އަރަމްކޯގެ އަގުތަކުގެ މައްޗަށް ކަމަށްވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ. ރާއްޖެއަށް ތެލާއި ގޭސް މެދުނުކެނޑި ފޯރުކޮށްދިނުމަކީ ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒު ކަމަށްވާއިރު، ބައިނަލްއަގުވާމީ ބާޒާރުގެ ހާލަތު ސަރުކާރުން އަންނަނީ ވަރަށް ގާތުން ބަލަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.