އާޓެމިސް 2ގެ ފަޅުވެރިން ތާރީހީ ރެކޯޑުތަކަކާއެކު އެނބުރި ދުނިޔެއަށް މިސްރާބު ޖަހައިފި

އާޓެމިސް 2ގެ ފަޅުވެރިން ތާރީހީ ރެކޯޑުތަކަކާއެކު އެނބުރި ދުނިޔެއަށް މިސްރާބު ޖަހައިފި

Author
ހުސައިން
07 އޭޕްރިލް 2026 11:19
0

އެމެރިކާގެ އާޓެމިސް 2 މިޝަންގެ ހަތަރު އެސްޓްރޮނޯޓުން، އިންސާނިއްޔަތު މީގެ ކުރިން ނުދެކޭ އެތައް މަންޒަރަކާއި ރެކޯޑުތަކެއް ހާސިލުކުރުމަށްފަހު، އެނބުރި ދުނިޔެއަށް އައުމަށް މިސްރާބު ޖަހައިފިއެވެ.

މި ދަތުރުގައި އެ ފަޅުވެރިން ވަނީ ހަނދުގެ އަޑިގުޑަންތަކުގެ މަތިން "ދުނިޔެ އޮއްސޭ" ހިތްގައިމު މަންޒަރު ފެންނަ ހާއްސަ ފޮޓޯއެއް ނަގާފައެވެ. 1968 ވަނަ އަހަރު އެޕޯލޯ މިޝަންގައި ހަނދުން ފެންނަ "ދުނިޔެ އަރާ" މަންޒަރު ނަގާފައިވާއިރު، މިއީ އިންސާނުންގެ ލޮލަށް މި އެންގަލުން ދުނިޔެ އޮއްސޭ މަންޒަރު ފެނުނު ފުރަތަމަ ފަހަރެވެ. މީގެ އިތުރުން ހަނދުގެ އަނދިރި ފަރާތުން ދަތުރުކުރިއިރު، ހަނދުގެ ހިޔަނިން އިރު ފޮރުވިފައިވާ އިރުކޭތައިގެ ތާރީހީ ފޮޓޯއެއްވެސް އިންސާނުންގެ އަތުން ފުރަތަމަ ފަހަރަށް ވަނީ ނަގާފައެވެ.

މިޝަން ކޮމާންޑަރު ރީޑް ވައިޒްމަން، ވިކްޓާ ގްލޯވާ، ކްރިސްޓީނާ ކޯޗް އަދި ޖެރެމީ ހެންސަން ހިމެނޭ މި ޓީމުން ވަނީ މީގެ ކުރިން އިންސާނުންނަށް ކުރެވިފައިނުވާ އެތައް ކަމެއް ތާރީހުގައި ލިޔެލާފައެވެ. އޭގެ ތެރޭގައި ހަނދުގެ ބިއްދޮށަށް ދަތުރުކުރުމާއި، ދުނިޔެއާ 252،756 މޭލު (406،771 ކިލޯމީޓަރު) ދުރަށް ގޮސް އިންސާނުން ދަތުރުކުރި އެންމެ ދުރު ރާސްތާގެ ރެކޯޑު ހެދުން ހިމެނެއެވެ.

ހަނދުގެ ބިއްދޮށުން ދަތުރުކުރި ވަގުތު 40 މިނިޓް ވަންދެން ދުނިޔެއާ މުވާސަލާތީ ގުޅުން ކެނޑުމުން، ހިއުސްޓަންގެ ކޮންޓްރޯލް ސެންޓަރާއި ފަޅުވެރިންނަށް ނޭވާ ހިފަހައްޓާލަން ޖެހުނެވެ. ނަމަވެސް ގުޅުން އަލުން ގާއިމުވުމާއެކު ކޮމާންޑަރު ވައިޒްމަން ބުނީ އެމީހުންނަށް ފެނުނީ ދުވަހަކުވެސް އިންސާނުންނަށް ފެނުނު މަންޒަރުތަކެއް ނޫން ކަމަށެވެ. އަދި އުޅަނދުގެ ޕައިލެޓް ގްލޯވާ ސިފަކުރި ގޮތުގައި އެ މަންޒަރުތައް ކިޔައިދޭނެ އިތުރު ބަސްތަކެއް ނެތެވެ.

މި މަހުގެ 10 ވަނަ ދުވަހު ޕެސިފިކް ކަނޑަށް ވައްޓާލަން ހަމަޖެހިފައިވާ އޮރަޔަން އުޅަނދު، މި ފަހަރުގެ ދަތުރުގައި ހަނދުގެ ބިމަކަށް ނުޖައްސައެވެ. މިއީ އުޅަނދުގެ ހާލަތު ދެނެގަތުމަށް ކުރި ދަތުރަކަށްވާއިރު، ހުރިހާ ކަމެއް ރަނގަޅަށް ގޮސްފިނަމަ އިންސާނުން ހަނދުގެ ބިމަށް ފައިބާ ދަތުރު އޮންނާނީ 2028 ވަނަ އަހަރުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.