އެމްޓީސީސީން ތައާރަފްކުރި "މާލޭ ޓެކްސީ" އެޕްލިކޭޝަން ހެދުމުގައި 13 މިލިއަން ރުފިޔާގެ ކޮރަޕްޝަން ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ލޯންޗުކުރި މި އެޕްލިކޭޝަނުގައި ގިނަ މައްސަލަތަކެއް ހުރެގެން މިހާރު ވަނީ ޑައުންކޮށްފަ އެވެ. އަދި ޓެކްސީގެ ހިދުމަތް މިހާރު ދެމުން އަންނަނީ 1655 ހޮޓްލައިނަށް ގުޅައިގެންނެވެ. ސޯޝަލް މީޑިއާގައި އާންމުން ދަނީ މި އެޕް ހެދުމަށް ހަވާލުކުރި "ފިކްސްޑް މޯލްޑިވްސް" އަކީ މިފަދަ މަސައްކަތެއްގެ އެއްވެސް ތަޖުރިބާއެއް ނެތް ކުންފުންޏެއް ކަމަށް ބުނެ، މިއީ ބޮޑު ކޮރަޕްޝަނެއް ކަމަށް ތުހުމަތުކުރަމުންނެވެ.
މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ. އޭނާ ވަނީ މިކަމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހިނގާފައިވާ ކަންކަން ބަލައިދިނުމަށް އެދިވަޑައިގެންފަ އެވެ. ސަރުކާރު ކުންފުންޏަކުން މިފަދަ ކަމަކަށް އެތައް މިލިއަން ރުފިޔާއެއް ހަރަދުކުރުމަކީ އިންތިހާއަށް ކަންބޮޑުވާ ކަމެއްކަން ފާހަގަކުރައްވައި، މެމްބަރު ވަނީ ގިނަ ކަންތައްތަކެއްގެ ތަފްސީލީ ޖަވާބު ހޯއްދެވުމަށް އެދިވަޑައިގެންފަ އެވެ.
އެގޮތުން، އާންމުކޮށް ބީލަމަށް ހުޅުވާލުމެއް ނެތި ހަމައެކަނި ދައުވަތު ދިން ވަކި ކުންފުނިތަކަކަށް ފުރުސަތު ދިން ސަބަބާއި، އެ ފަރާތްތައް ހޮވި މިންގަނޑުތައް ސާފުކުރުމަށް ވަނީ އެދިފަ އެވެ. އަދި މަސައްކަތް ހަވާލުކުރި ފަރާތުގެ ތަޖުރިބާއާއި ގާބިލުކަން ހުރިތޯ ބެލި ގޮތާއި، އެމްޓީސީސީގެ އައިޓީ ޑިޕާޓްމަންޓުގެ ބައިވެރިވުން އޮތް މިންވަރު އޮޅުންފިލުވުމަށް ވެސް ހުށަހަޅާފައިވެ އެވެ. މީގެ އިތުރުން، ޓެންޑާ އިވެލުއޭޓް ކުރުމުގައި ކުންފުނީގެ ޕްރޮކިއުމަންޓް ޕޮލިސީއާ ހިލާފަށް އަމަލުކޮށްފައިވޭތޯ އާއި، އާ އެޕެއް ހެދުމަށް ނިންމީ ބޯޑުންތޯ ނުވަތަ މެނޭޖްމަންޓުންތޯ ކަށަވަރުކުރުމަށް ވެސް މެމްބަރުގެ ހުށަހެޅުމުގައިވެ އެވެ.
މި މައްސަލައިގައި އާންމުންގެ ފާޑުކިޔުންތައް އަމާޒުވެފައިވީ ނަމަވެސް، މިކަމާ ގުޅޭގޮތުން އެމްޓީސީސީން މިހާތަނަށް ރަސްމީކޮށް އެއްވެސް ބަހެއް ބުނެފައެއް ނުވެ އެވެ.
ކޮމެންޓު ފޮނުވާ