ދުނިޔޭގެ އިގްތިސާދަށް އައިސްފައިވާ ހީނަރުކަމާ ގުޅިގެން، ސަރުކާރުގެ މަސް ކުންފުނި (މިފްކޯ) އިން ހަރަދު ކުޑަކުރުމުގެ ގޮތުން ރަސްމީ މަސައްކަތު ގަޑިން ދެ ގަޑިއިރު މިއަދު އުނިކޮށްފިއެވެ.
މި ބަދަލާއެކު، ކުރިން ހެނދުނު 8:00 އިން ހަވީރު 4:00 އަށް އޮތް ރަސްމީ ގަޑި މިހާރު ވަނީ މެންދުރުފަހު 2:00 އަށް ކުރުކޮށްފައެވެ. މިފްކޯގެ ސީނިއާ މެނޭޖާ ޕަބްލިކް ރިލޭޝަންސް ޝިފްޒާ މުސްތަފާ ވިދާޅުވީ، މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން އަޅަންޖެހުނު މި ފިޔަވަޅުތައް އަޅާފައިވަނީ މުވައްޒަފުންނަށް ދަތިނުވާނެ ފަދަ ގޮތަކަށް ބަލައިގެން ކަމަށެވެ. ރަސްމީ ގަޑި ކުރުކުރުމުގެ އިތުރުން، ގޭގައި ތިބެގެން މަސައްކަތް ކުރެވެން ހުރި މުވައްޒަފުން އެގޮތަށް މަސައްކަތް ކުރުމަށާއި، އޮފީހާއި އެކޮމޮޑޭޝަން ފަދަ ތަންތަނުގައި ކަރަންޓާއި އޭސީ ބޭނުންކުރުން މަދުކޮށް ތެލަށް ކުރާ ހޭދަ ކުޑަކުރުމަށް މުވައްޒަފުންނަށް ވަނީ އަންގާފައެވެ. އަދި ހެޑް އޮފީހުގެ ހާއްސަ ހުއްދައަކާ ނުލައި ދަތުރުތައް ކުރުންވެސް މިހާރު ވަނީ ހުއްޓާލާފައެވެ.
މިފްކޯއިން ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކެއް އަޅާފައިމިވަނީ، އެމެރިކާއާއި އިޒްރޭލުން ފަށާފައިވާ ހަނގުރާމައާ ގުޅިގެން އީރާނުން މެދުއިރުމަތީގައި ދެމުންދާ ހަމަލާތަކުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް އުފުލުމާ ގުޅިގެންނެވެ. އީރާނުން ހޮރްމޫޒް ކަނޑޯޅި ގާތްގަނޑަކަށް އެއްކޮށް ބަންދުކުރުމުގެ ސަބަބުން ތެޔޮ ފީފާއެއްގެ އަގު 120 ޑޮލަރަށްވުރެ މައްޗަށް ގޮސްފައިވާއިރު، މުޅި ދުނިޔެއަށް ވަނީ ތެލާއި ގޭހުގެ ސަޕްލައި ލިބުމުގައި ބޮޑެތި ދަތިތަކަކާ ކުރިމަތިވެފައެވެ. މި ހާލަތާ ގުޅިގެން މި ސަރަހައްދުގެ އެހެން ގައުމުތަކުންވެސް އަންނަނީ ހަރަދު ކުޑަކުރުމުގެ މިފަދަ ފިޔަވަޅުތައް އަޅަމުންނެވެ.
ކޮމެންޓު ފޮނުވާ