ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ މޭޔަރުކަމާއި ގިނަ ގޮނޑިތައް އެމްޑީޕީން ދިފާއުކޮށްފި

ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ މޭޔަރުކަމާއި ގިނަ ގޮނޑިތައް އެމްޑީޕީން ދިފާއުކޮށްފި

Author
ޙަސަން މުޙައްމަދު
05 އޭޕްރިލް 2026 09:25
0

އިއްޔެ ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި ކުޅުދުއްފުށީ ސިޓީގެ މޭޔަރުކަމާއި، ކައުންސިލްގެ އެންމެ ގޮނޑިއެއް ފިޔަވައި އެހެން ހުރިހާ ގޮނޑިއެއް އިދިކޮޅު އެމްޑީޕީން ކާމިޔާބުކޮށްފިއެވެ.

މިހާތަނަށް އާންމުކޮށްފައިވާ ވަގުތީ ނަތީޖާތަކުން ދައްކާ ގޮތުގައި، އެ ސިޓީގެ މޭޔަރުކަމަށް ދެވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގަތީ މިހާރުވެސް މޭޔަރުކަމުގައި ހުންނެވި އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު އާތިފެވެ. އޭނާ ވަނީ 3،412 ވޯޓު (68.79 އިންސައްތަ) ހޯއްދަވާފައެވެ. އާތިފްއާ ވާދަކުރެއްވި ޕީއެންސީގެ ކެންޑިޑޭޓް އިބްރާހިމް ހަސަނަށް ލިބިވަޑައިގަތީ 1،548 ވޯޓެވެ. މި އިންތިޚާބުގައި ވެރިކަންކުރާ ޕީއެންސީއަށް ކާމިޔާބުކުރެވުނު ހަމައެކަނި ގޮނޑިއަކީ ހުޅަނގު އުތުރު ދާއިރާގެ ގޮނޑިއެވެ. އެ ގޮނޑި 424 ވޯޓާއެކު ކާމިޔާބުކުރެއްވީ މިހާރުވެސް ކައުންސިލް މެމްބަރެއްގެ ގޮތުގައި ހުންނެވި އިބްރާހިމް އަހްމަދެވެ. އޭނާއާ ވާދަކުރި އެމްޑީޕީގެ ކެންޑިޑޭޓް ނަސްރުﷲ އިސްމާއީލަށް ލިބުނީ 387 ވޯޓެވެ.

ކައުންސިލްގެ ބާކީ ހުރި ދާއިރާތަކުގެ ނަތީޖާއަށް ބަލާއިރު، އެމްޑީޕީގެ ކެންޑިޑޭޓުން ވަނީ ތަފާތު ބޮޑުކޮށް ކުރިހޯއްދަވާފައެވެ. އެގޮތުން އުތުރު ދާއިރާގެ ގޮނޑި 533 ވޯޓާއެކު ކާމިޔާބުކުރެއްވީ މިހާރުގެ ޑެޕިއުޓީ މޭޔަރު އަހްމަދު އަބްދުﷲ (ރޯޒޭ) އެވެ. މެދު އުތުރު ދާއިރާއިން އަކުބަރީ މުހައްމަދު 493 ވޯޓު ހޯއްދެވިއިރު، މެދު ދެކުނު ދާއިރާއިން މުހައްމަދު ޝައިމަން އާދަމް ސަލީމް ވަނީ 465 ވޯޓު ހޯއްދަވާފައެވެ. މީގެ އިތުރުން، ހުޅަނގު ދާއިރާގެ ގޮނޑި މިހާރުގެ ވެސް މެމްބަރު ރިލްވާން މުހައްމަދު 534 ވޯޓާއެކު ދިފާއުކުރެއްވިއިރު، އިރު ދެކުނު ދާއިރާ ކާމިޔާބުކުރެއްވީ 430 ވޯޓު ހޯއްދެވި ސަލްމާ މުހައްމަދެވެ. މި ދާއިރާތަކުން ވާދަކުރި ޕީއެންސީގެ ކެންޑިޑޭޓުންނަށް ވަނީ ނާކާމިޔާބީއާ ކުރިމަތިލާންޖެހިފައެވެ.

އެންމެ ފަހުން 2021 ވަނަ އަހަރު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވެސް ކުޅުދުއްފުށީ ސިޓީގެ ހުރިހާ ގޮނޑިއެއް ކާމިޔާބުކުރީ އެމްޑީޕީންނެވެ. އެފަހަރުގެ އިންތިޚާބުގައި އެމްޑީޕީއަށް ސަތޭކަ އިންސައްތަ ކާމިޔާބީއެއް ލިބުނު ހަމައެކަނި ސިޓީއަކީ ވެސް ކުޅުދުއްފުށީ ސިޓީކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.