ތަފާތުކުރުމެއް ނެތި ހުރިހާ ކައުންސިލްތަކާއެކު މަސައްކަތްކުރާނަން: އާދަމް ޝަރީފް

ތަފާތުކުރުމެއް ނެތި ހުރިހާ ކައުންސިލްތަކާއެކު މަސައްކަތްކުރާނަން: އާދަމް ޝަރީފް

Author
އަހުމަދު
05 އޭޕްރިލް 2026 09:24
0

އިއްޔެ ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބަށްފަހު، އެއްވެސް ތަފާތުކުރުމެއް ނެތި ހުރިހާ ކައުންސިލްތަކަކާއެކު ސަރުކާރުން މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު ދެއްވައިފިއެވެ.

އިންތިޚާބުގެ ނަތީޖާއާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ވިދާޅުވީ، އަލަށް އިންތިޚާބުވި ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުން ރައްޔިތުންގެ ބައިވެރިވުން އިތުރުކޮށް، ރައްޔިތުންނާ ގާތުން ޒިންމާދާރު މަސައްކަތްތަކެއް ކުރާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ. އަދި އަލަށް ހުވާކުރާ ކައުންސިލްތަކާއެކު ލާމަރުކަޒީ ނިޒާމަށް އިތުރު ދިރުން ލިބިގެންދާނެ ކަމަށާއި، މިނިސްޓްރީން ހުރިހާ ކައުންސިލްތަކަކާ ގުޅިގެން މަސައްކަތް ކުރާނެކަމުގެ ފުރިހަމަ ޔަޤީންކަން އެމަނިކުފާނު ވަނީ އަރުވާފައެވެ.

މިނިސްޓަރު މިފަދައިން ވިދާޅުވެފައިވާއިރު، އިއްޔެ ކުރިއަށްދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި ރާއްޖޭގެ ފަސް ސިޓީގެ މޭޔަރުކަންވެސް ކާމިޔާބުކޮށްފައިވަނީ އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓުންނެވެ. އަދި ހަމައެއާއެކު، ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށްލުމާމެދު ގޮތެއް ނިންމުމަށް އިއްޔެ ނެގި ފެންނަ ނުފެންނަ ވޯޓުންވެސް ސަރުކާރަށް ވަނީ ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.