ރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ގަވާއިދަށް ގެނައި އިސްލާހާއެކު، އެންމެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން ހޯދާ 20 ކޯޓާއަށްވުރެ މަދު ކޯޓާތަކަށް ފީ ދައްކަން ނުޖެހޭގޮތަށް ހަމަޖައްސައިފިއެވެ.
އަލަށް ގެނައި އިސްލާހުގައިވާ ގޮތުން، އާންމު އުސޫލެއްގެ ގޮތުން ކޮންމެ ކޯޓާއަކަށް އަހަރަކު 2,000 ރުފިޔާގެ ފީއެއް ދައްކަންޖެހުނު ނަމަވެސް، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް (އެސްއެމްއީ) މިއީ ބޮޑު ލުޔެކެވެ. އެގޮތުން 20 ނުވަތަ އެއަށްވުރެ މަދުން ކޯޓާ ހޯދާނަމަ އެފަދަ ވިޔަފާރިތަކުން ފީ ދައްކާކަށް ނުޖެހޭނެއެވެ. ނަމަވެސް 20 އަށްވުރެ އިތުރުވާނަމަ، 21 ވަނަ ކޯޓާއިން ފެށިގެން އިތުރުވާ ކޯޓާތަކަށް ފީ ދައްކަން ޖެހޭނެއެވެ. މި ލުއި ނަހަމަ ގޮތުގައި ބޭނުންކުރުން ހުއްޓުވުމަށްޓަކައި، މިފަދަ އިސްތިސްނާއެއް ލިބިފައިވާ ވިޔަފާރިއެއްގެ ހިއްސާދާރަކު، ޑިރެކްޓަރަކު ނުވަތަ ޕާޓްނަރަކު ހިމެނިގެން އުފައްދާ އެހެން ކުންފުންޏަކަށް މި އިސްތިސްނާއެއް ނުލިބޭނެކަމަށް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.
މި ގަވާއިދު ގެޒެޓުކުރާ ދުވަހުން ފެށިގެން، ޝަރުތު ހަމަވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން ބޭނުންކުރަމުންދާ ކޯޓާތަކަށް ކުރިން ދައްކަމުން އައި ފީ ދެއްކުން ހުއްޓައިލެވޭނެއެވެ. މީގެ އިތުރުން، ކޯޓާ ފީ ދައްކަންޖެހޭ ފަރާތްތަކަށް އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް، ބަހާލައިގެން (ޝެޑިއުލް ޕޭމަންޓްތަކެއްގެ ގޮތުގައި) ފީ ދެއްކޭނެ އިންތިޒާމު ހަމަޖައްސައިދިނުމުގެ އިހުތިޔާރު މިނިސްޓްރީއަށް ވަނީ ދީފައެވެ. މިގޮތަށް ފީ ދައްކާނަމަ އެ ކޯޓާއެއް ބޭނުންކުރެވެން ފަށާނީ ޝެޑިއުލްގެ ފުރަތަމަ ޕޭމަންޓް ދެއްކުމުންނެވެ.
ކޯޓާ ފީގެ އިތުރުން ބިދޭސީންނަށް ވޯކް ޕާމިޓް ދޫކުރާ މުއްދަތުތަކަށްވެސް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން އެއްވެސް ހުނަރެއް ނެތް (އަންސްކިލްޑް) ނޮން-ޕްރޮފެޝަނަލް ބިދޭސީންނަށް ރާއްޖޭގައި މަސައްކަތް ކުރެވޭނެ އެންމެ ދިގު މުއްދަތަކީ 25 އަހަރު ކަމަށް ވަނީ ކަނޑައަޅާފައެވެ. އަދި މިފަދަ މުވައްޒަފަކު ވަޒީފާ އަދާކުރާތާ 10 އަހަރު އަދި 20 އަހަރު ފުރެން މަސްދުވަހަށް ވުމުން، އެ މުވައްޒަފަކު އިތުރަށް ބަހައްޓަން ބޭނުންވާނަމަ، ބަހައްޓަން ބޭނުންވާ މުއްދަތު ބަޔާންކޮށް ވަޒީފާދޭ ފަރާތުން އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް މިނިސްޓްރީއަށް ހުށަހަޅަން ޖެހޭނެކަމަށްވެސް މި އިސްލާހުގައި ބަޔާންކޮށްފައިވެއެވެ.
ކޮމެންޓު ފޮނުވާ