ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭގައި ތަރައްޤީކޮށްފައިވާ 4،000 ފްލެޓުގެ ކުލި ކުޑަކޮށް، އެކަމުގައި ލުއިތަކެއް ހޯދައިދިނުމަށް އެދި ފަހި ޔޫނިއަނުން ސަރުކާރަށް ގޮވާލައިފިއެވެ.
އެ ޔޫނިއަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ކުރީ ސަރުކާރުން ކުލީގެ ގޮތުގައި ކަނޑައަޅާފައިވާ އަދަދަށްވުރެ މިހާރުގެ ސަރުކާރުން ކަނޑައަޅާފައިވާ އަދަދު ބޮޑުކަމަށެވެ. އެގޮތުން ކުރީ ސަރުކާރުން މެއިންޓަނަންސް ފީއާއެކު ދެ ކޮޓަރީގެ ފްލެޓަކަށް 6،000 ރުފިޔާ އަދި ތިން ކޮޓަރީގެ ފްލެޓަކަށް 8،000 ރުފިޔާ ކަނޑައަޅާފައިވީ ނަމަވެސް، މިހާރުގެ އެއްބަސްވުމުގައި އެ އަދަދުތައް ވަނީ 7،000 ރުފިޔާ އަދި 10،000 ރުފިޔާއަށް ބޮޑުކޮށްފައި ކަމަށް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އެހެންކަމުން، ކުރީ ސަރުކާރުން ކަނޑައެޅި އަގުތަކަށް ކުލި ބަދަލުކޮށްދިނުމަށް ވަނީ އެދިފައެވެ.
ކުލީގެ މައްސަލައިގެ އިތުރުން، އެފްޑީސީން ކުއްޔަށްދޭ އެޕާޓްމަންޓްތަކަށް ނަގާ ޑައުންޕޭމަންޓް އުނިކޮށްދިނުމަށާއި، ފްލެޓަށް ބަދަލުވުމަށް ކުރަންޖެހޭ ބޮޑު ހޭދައަށް ރިއާޔަތްކޮށް މިހާރު ދީފައިވާ ތިން މަހުގެ ގްރޭސް ޕީރިއަޑް ހަ މަހަށް ނުވަތަ އެއް އަހަރަށް އިތުރުކޮށްދިނުމަށްވެސް ވަނީ ގޮވާލާފައެވެ. މީގެ އިތުރުން، ހިޔާ ފްލެޓްތަކެކޭ އެއްފަދައިން މި 4،000 ފްލެޓުގެ އެއްބަސްވުންވެސް 'ގަނެވިއްކުމުގެ' އެއްބަސްވުމަކަށް ބަދަލުކޮށްދިނުމަށް ފަހި ޔޫނިއަނުން ވަނީ ސަރުކާރުގައި އެދިފައެވެ.
ފަހި ޔޫނިއަނުން މިފަދަ ބަޔާނެއް ނެރެފައިވާއިރު، މިކަމަށް ބާރުއެޅުމުގެ ގޮތުން ހުޅުމާލޭގައި ރޭ ވަނީ އިހުތިޖާޖުވެސް ކޮށްފައެވެ. ހަމައެއާއެކު، އިދިކޮޅު އެމްޑީޕީން ރޭ ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުވެސް ވަނީ ފްލެޓްތަކުގެ ކުއްޔާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ