މާލޭގެ ޑްރަގް އައްޑާއަކުން މަރުވެފައި އޮއްވާ ފެނުނު މީހާގެ މަރުގެ ސަބަބު ހޯދަން އޮޓޯޕްސީ ހަދަނީ

މާލޭގެ ޑްރަގް އައްޑާއަކުން މަރުވެފައި އޮއްވާ ފެނުނު މީހާގެ މަރުގެ ސަބަބު ހޯދަން އޮޓޯޕްސީ ހަދަނީ

Author
ހުސެއިން
02 އޭޕްރިލް 2026 07:36
0

މާލޭގައި ކެފޭ އުސޫލުން މަސްތުވާތަކެތި ބޭނުންކުރާ ތަނެއްގައި އިއްޔެ މަރުވެފައި އޮއްވާ ފެނުނު ފިރިހެން މީހާގެ އޮޓޯޕްސީ ހެދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ފާށަނާކިލެގެފާނު މަގުގައި ހުރި ގެއަކުން މި މީހާ ފެނިފައިވަނީ އިއްޔެ މެންދުރުފަހު 1:10 ހާއިރުއެވެ. ފުލުހުން މައުލޫމާތު ދޭގޮތުގައި އޭނާގެ ހަށިގަނޑުން ބޭރުފުށުން އެއްވެސް އަނިޔާއެއްގެ ނިޝާނެއް ފެންނާކަށް ނެތެވެ. ނަމަވެސް، އެ މީހާ މަރުވިތާ ގިނަ ވަގުތުތަކެއް ވެފައިވުމާއި، އެތަނަކީ މަސްތުވާތަކެތީގެ އައްޑާއަކަށް ވުމުން، މަރުވި ސީދާ ސަބަބު ދެނެގަތުމަށް ފޮރެންސިކް ތަހުލީލުތަކެއް ކުރުން މުހިންމު ކަމަށް ތަހުގީގަށް ވަނީ ގަބޫލުކުރެވިފައެވެ.

މި ސަބަބަށްޓަކައި އޮޓޯޕްސީ ހެދުމަށް ބޭނުންވާ އިންތިޒާމުތައް މިހާރު އަންނަނީ ހަމަޖައްސަމުންނެވެ. އަދި މި މައްސަލައިގެ ތަހުގީގަށް ލިބޭ ކުރިއެރުންތައް މީޑިއާއާ ހިއްސާކުރާނެ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

މާލޭގައި މިފަދަ ޑްރަގް އައްޑާތައް ގިނައިން ހިންގަމުން އަންނައިރު، މި މައްސަލަ ހައްލުކުރުމަށް ފުލުހުން އަންނަނީ ހާއްސަ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ. ހޯމްލޭންޑް މިނިސްޓްރީން ކުރިން ހާމަކޮށްފައިވާ ގޮތުގައި، މާލޭގައި 50 އަށްވުރެ ގިނަ ޑްރަގް އައްޑާ ހުރިކަން ފާހަގަކުރެވި، އެ ތަންތަން ބަންދުކުރުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.