ރައްޔިތުންގެ މަޖިލީހުގައި ސަރުކާރަށް އޮތް ސުޕަ މެޖޯރިޓީ ދޫކޮށްލަން ބޭނުންފުޅުވަނީ އަމިއްލަ ފައިދާއަށްވުރެ ގައުމު އިސްކުރެއްވުމުގެ މަގުސަދުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ ހަރުގޭގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު ވަކި ދެ ތާރީހެއްގައި ބޭއްވުމަކީ ގައުމަށް ފައިދާވުމުގެ ބަދަލުގައި ގެއްލުންވާ ކަމެއްކަން ރައްޔިތުން މިއަދު ގަބޫލުކުރާ ކަމަށެވެ. އަދި ޕީއެންސީއަށް ލިބިފައިވާ ބޮޑު އަޣުލަބިއްޔަތު ގެއްލޭގޮތަށް އަމަލުކުރަނީ ކީއްވެތޯ އާންމު މެންބަރުން ސުވާލުކުރި ނަމަވެސް، މީގެ ކުރީގެ ސަރުކާރުތަކާ ހިލާފަށް މި ސަރުކާރުން އަބަދުވެސް އިސްކުރާނީ ގައުމީ މަސްލަހަތު ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ ޑިމޮކްރެސީ ހަރުދަނާކޮށް ކޮރަޕްޝަން ނައްތާލުމަށްޓަކައި ދެ އިންތިހާބު އެއްކޮށް ބޭއްވުމަށް ނެގޭ "ފެންނަ ނުފެންނަ" ވޯޓަށް ތާއީދުކޮށްދެއްވުމަށް ރައީސް ވަނީ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ. މީގެ އިތުރުން، އިދިކޮޅު ފަރާތްތަކުން ކައުންސިލް އިންތިހާބު ދޫކޮށްލުމަށްފަހު މުޅި ފޯކަސް ފެންނަ ނުފެންނަ ވޯޓަށް ހުއްޓާލައިގެން އުޅެނީ، ރާއްޖެއަށް މި ހެޔޮ ބަދަލުތައް ގެންނަން ބޭނުން ނުވާތީ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ގާނޫނުއަސާސީއަށް ގެންނަން ހުށަހަޅާފައިވާ މި ބަދަލަށް ރައްޔިތުން ރުހުން ދީފިނަމަ، ކުރިއަށް އޮތް ތަނުގައި ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އޮންނާނީ އެއް ދުވަހެއްގައެވެ. މި ބަދަލާއެކު ރައީސުލްޖުމްހޫރިއްޔާގެ ދައުރު މިހާރެކޭވެސް އެއްފަދައިން ނޮވެމްބަރު 17 ގައި ފެށުނު ކަމުގައިވިޔަސް، އާ ރައްޔިތުންގެ މަޖިލީހުގެ ދައުރު ފެށޭނީ ޑިސެންބަރު 1 ގައެވެ.
ކޮމެންޓު ފޮނުވާ