ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާ ގުޅޭގޮތުން ނަގާ އާންމު ފެންނަ ނުފެންނަ ވޯޓު ހުއްޓުވަންޖެހޭ ޤާނޫނީ އެއްވެސް ސަބަބެއް ނެތްކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.
މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ ޤާނޫނީ ވަކީލު އިބްރާހިމް ޝިޔާމާއި ވަކީލު އައިކް އަޙްމަދު އީސާއެވެ. އެ ފަރާތްތަކުން ކޯޓަށް މައްސަލަ ހުށަހެޅީ، މި ވޯޓުގައި ރައްޔިތުންނާ ކުރުމަށް ނިންމާފައިވާ ސުވާލަކީ ޤާނޫނުއަސާސީއާ ޚިލާފު ސުވާލެއްކަމަށް ދެކޭތީ، ވޯޓު ނެގުން ހުއްޓުވައިދިނުމަށް އެދިއެވެ. ނަމަވެސް އެކަމަށް ޤާނޫނީ ހުރަހެއް ނެތްކަމަށް މަތީ ކޯޓުން ވަނީ ނިންމާފައެވެ.
އިލެކްޝަންސް ކޮމިޝަނުން (އީސީ) އަންނަ ހޮނިހިރު ދުވަހު ކުރިއަށްގެންދިއުމަށް ތާވަލުކޮށްފައިވާ މި ވޯޓަކީ، ދެ އިންތިޚާބު އެއް ދުވަހެއްގައި ބާއްވާ ގޮތަށް ރައްޔިތުންގެ މަޖިލީހުން ޤާނޫނުއަސާސީއަށް ގެނެސްފައިވާ އިޞްލާޙު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޞްދީޤު ކުރެއްވުމަށް ރައްޔިތުންނަށް ފެނޭތޯ ނުވަތަ ނުފެނޭތޯ ބެލުމަށް ނަގާ ވޯޓެކެވެ. މިއީ ރައްޔިތުންގެ ޚިޔާލު ހުރިގޮތް ދެނެގަތުމަށް ސީދާ ރައްޔިތުންގެ ގާތުން އެހުމަށް ނިންމާފައިވާ މުހިންމު ވޯޓެކެވެ.
ކޮމެންޓު ފޮނުވާ