ށ. ފުނަދޫއިން އެ އަތޮޅު މިލަންދުއަށް މަސްތުވާތަކެތި އެތެރެކޮށް ވިޔަފާރިކުރާކަމުގެ ތުހުމަތުގައި 40 އަހަރުގެ ފިރިހެނަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި މިލަންދޫ ޕޮލިސް ގުޅިގެން މި މަހުގެ 29 ވަނަ ދުވަހު ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައިވަނީ ށ. ފުނަދޫ، ތަނޑިނޫމާގޭ، މޫސާ ސިރާޖެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެންނެވެ.
މިލަންދޫ ބަނދަރުގައި އޮތް ލޯންޗެއްގެ ތެރެއިން މޫސާ ސިރާޖު ހުއްޓުވައި އޭނާ ބަލައި ފާސްކުރިއިރު، އޭނާގެ އަތުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ހަތަރު ރަބަރު ޕެކެޓު ވަނީ ފެނިފައެވެ. މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ތަހުގީގު ކުރިއަށްގެންދިއުމަށްޓަކައި 10 ދުވަހަށް އޭނާ ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ