ހެއްކަށް ނުފޫޒު ފޯރުވާކަމުގެ ތުހުމަތުގައި، ފުވައްމުލައް ސިޓީގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ ދެ މީހަކު ފުލުހުން އަލުން ހައްޔަރުކޮށްފިއެވެ.
މި މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ ޏ. ފުވައްމުލަކު ދޫޑިގަން، ކަރަންކާވިލާ، އަޙުމަދު ނިއުޝާދު (35އ) އާއި އެ އަވަށު ޒަމާނީގޭ ޙަސަން ޢާޒިމް (30އ) އެވެ. ފުލުހުން ބުނެފައިވާ ގޮތުގައި މި ދެމީހުން އަލުން ހައްޔަރުކުރަން ޖެހުނީ، އެމީހުންގެ މައްޗަށް ކޯޓުގައި ދައުވާ އުފުލާފައިވާ މައްސަލައިގެ ހެކިންނަށް ނުފޫޒު ފޯރުވަފާނެކަމަށް ބެލެވޭތީއެވެ.
މި ދެމީހުންނަކީ މީގެ ކުރިންވެސް މި މައްސަލައިގައި ހައްޔަރުކުރުމަށްފަހު، މިދިޔަ އަންގާރަ ދުވަހު ކޯޓުން ބަންދުން ދޫކޮށްލާފައިވާ ދެމީހުންނެވެ. ފުލުހުން މީގެ ކުރިން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، މި ދެމީހުންގެ ބޭންކު އެކައުންޓްތައް މެދުވެރިކޮށް ގިނަ އަދަދެއްގެ ފައިސާގެ މުއާމަލާތްތަކެއް ވަނީ ހިންގާފައެވެ. އެގޮތުން، ނިއުޝާދުގެ އެކައުންޓުން 21 މިލިއަނަށްވުރެ ގިނަ ރުފިޔާގެ މުއާމަލާތް ކޮށްފައިވާއިރު، ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި އާޒިމްގެ އެކައުންޓުން 7 މިލިއަނަށްވުރެ ގިނަ ރުފިޔާގެ މުއާމަލާތް ހިންގާފައިވާކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ.
ކޮމެންޓު ފޮނުވާ