ސަރުކާރު ހިއްސާވާ ކުންފުނިތަކަށް، ހާއްސަކޮށް އެމްޓީސީސީއަށް މުވައްޒަފުން ނަގަމުންދަނީ އިންތިހާބާ ދިމާކޮށް ނޫންކަމަށާއި، އެއީ ހުއްޓިފައިވާ އަދި މިހާރު ހިނގަމުންދާ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ، ދާދިފަހުން ރާއްޖޭގެ ހުރިހާ ރަށަކަށް ކުރެއްވި ދަތުރުފުޅުތަކުގައި ކައުންސިލްތަކާއި މުއައްސަސާތަކާ ބައްދަލުކުރައްވައި، ރައްޔިތުންގެ ޝަކުވާތައް އަޑުއައްސަވާފައިވާނެ ކަމަށެވެ. އަދި އެއީ އިންތިހާބަށް އަމާޒުކޮށްގެން ކުރެއްވި ދަތުރުފުޅުތަކެއް ނޫންކަމަށާއި، އޭގެ މައިގަނޑު ބޭނުމަކީ ހުއްޓިފައި ހުރި މަޝްރޫއުތައް ތަރުތީބުކޮށް އަލުން ފެށުންކަމަށް ވިދާޅުވިއެވެ. އަދި މިގޮތަށް ފެށޭ މަސައްކަތްތަކުގެ ކުރިއެރުން ރައީސް އޮފީހުން ކޮންމެ ދުވަހަކުވެސް ގާތުން ބަލަމުންދާކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރުވެސް 200 އަށްވުރެ ގިނަ މަޝްރޫއު އެކި މަރުހަލާތަކުގައި ހިނގަމުންދާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ކުންފުނިތަކަށް މުވައްޒަފުން ނަގަނީ އެ މަސައްކަތްތައް ނިންމުމަށް ކަމަށެވެ. ބޭރުފުށުން ބަލާއިރު މިއީ އިންތިހާބީ ބޭނުމެއްގައި ވަޒީފާ ބެހުން ކަމަށް ހީވި ނަމަވެސް، މަޝްރޫއުތަކުގެ ތަފްސީލާއި ތާރީހުތަކަށް ބެލުމުން އެކަން ސާފުވެގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން، އިންތިހާބާ ދިމާކޮށް ކުއްލިއަކަށް "ކަޑަޖަހާ" އުސޫލުން އެއްވެސް ކަމެއް ސަރުކާރުން އިއުލާނުކޮށްފައި ނުވާނެކަމަށް ރައީސް ވިދާޅުވިއެވެ. މިސާލެއްގެ ގޮތުން ޓެކްސީ ލައިންގެ މަސައްކަތް ފާހަގަކުރައްވައި ވިދާޅުވީ، އެއީ މާ ކުރިން އިއުލާނުކޮށްގެން ކުރިއަށްދާ ޕްރޮޖެކްޓެއް ކަމަށާއި، އެކަން ލަސްވީ ޓެކްސީތައް ގެނައުމުގައި ޝިޕިންގް ޑިލޭތަކަކާ ގުޅިގެން ކަމަށެވެ. އެހެންކަމުން މިއީ އެއްވެސް ވަރަކަށް އިންތިހާބާ ގުޅުވައިގެން ކުރާ ކަންތައްތަކެއް ނޫންކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.
ކޮމެންޓު ފޮނުވާ