ކުރީ ސަރުކާރުގެ "ބިންވެރިޔާ" ސްކީމްގެ ދަށުން ދޫކޮށްފައިވާ ގޯތިތައް ދޫކޮށްލުމަށްފަހު، ފްލެޓަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާންކުރައްވައިފިއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، ސަރުކާރުން މިގޮތަށް ނިންމެވީ ގޯތީގައި އަމިއްލައަށް ގެދޮރު އިމާރާތްކުރުމަށް ގިނަ ރައްޔިތުންތަކަކަށް މާލީ ގޮތުން ދަތިތަކާ ކުރިމަތިވަމުންދާތީ، އެކަމަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން ކަމަށެވެ. އަދި ގުޅިފަޅާއި ގިރާވަރުފަޅުގައި އަސާސީ ޚިދުމަތްތަކާއި އުމްރާނީ ތަރައްޤީ ޤާއިމުކުރުމަށް ވަގުތު ނަގާނެތީ، ގިނަ ބަޔަކު އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައިވާކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.
މި ބަދަލާއެކު، ގެދޮރު އިމާރާތްކުރުމުގެ މާލީ ތަނަވަސްކަން ނެތް ފަރާތްތަކަށް މާލެ ސަރަޙައްދުން ފްލެޓް ހޯދުމަށް ފަހި މަގެއް ހުޅުވިގެންދާނެއެވެ. ރައީސް ޑރ. މުޢިއްޒު ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި، ގޯތި ދޫކޮށްލުމަށްފަހު ފްލެޓަށް އެދުމުގެ ފުރުސަތު ރަސްމީކޮށް ހުޅުވާލެވޭނެއެވެ.
މިއީ ހަމައެކަނި ބިންވެރިޔާ ސްކީމަށް ޚާއްޞަ ނިންމުމެއް ނޫންކަމަށާއި، މީގެ ކުރީގެ ކޮންމެ ސަރުކާރަކުން ހިންގި ސްކީމެއްގެ ދަށުން ގޯތި ލިބުނު މީހަކަށްވިޔަސް، އެ ގޯތި ދޫކޮށްލުމަށްފަހު ފްލެޓަށް ކުރިމަތިލުމުގެ އިޚުތިޔާރު އޮންނާނެކަމަށް ރައީސް ވަނީ ހާމަކުރައްވާފައެވެ. ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތަށް މިފަދަ ބަދަލުތައް ގެންނަމުންދަނީ ރައްޔިތުންނާ ގާތުން މަސައްކަތްކޮށް، ރައްޔިތުންގެ އެދުންތަކާއި ކަންބޮޑުވުންތަކަށް ރިއާޔަތްކުރެއްވުމަށްފަހުކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ