ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި އަލަށް ތަރައްގީކުރި އިމަޖެންސީ ރޫމާއި ޑައިލިސިސް ސެންޓަރު، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު މިއަދު ރަސްމީކޮށް ހުޅުވައިދެއްވައިފިއެވެ.
މިކަމަށްޓަކައި މިއަދު އެ ހޮސްޕިޓަލުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތަށްފަހު، މެޑަމް ސާޖިދާ ވަނީ އަލަށް ގާއިމުކުރި ދެ ތަނުގެ ވަސީލަތްތަކާއި ޚިދުމަތްތައް ހުރިގޮތް ބައްލަވާލައްވާފައެވެ. ޒަމާނީ ފެންވަރަށް ފަރުމާކޮށްފައިވާ އައު އިމަޖެންސީ ރޫމަކީ ޖާގައިގެ ގޮތުން ތަނަވަސް، ހަ އެނދާއި ޕްރޮސީޖަރ ރޫމެއްގެ އިތުރުން ސްޓާފް ލައުންޖެއްވެސް ހިމެނޭހެން ތަރައްގީކޮށްފައިވާ ތަނެކެވެ. ކުރިން ހޮސްޕިޓަލުގެ އެތެރޭގެ ވޯޑެއްގައި އިމަޖެންސީ ފަރުވާ ދެމުން އައި ނަމަވެސް، މިހާރު ސީދާ އީއާރްގެ ދޮރާ ހަމައަށް އެމްބިއުލާންސް ކައިރިކުރެވޭނެ ގޮތް ހަމަޖެހިފައިވުމުން، ކުއްލި ހާލަތްތަކުގައި ބަލިމީހުންނަށް ފަރުވާ ދިނުން ވަރަށް ބޮޑަށް އަވަސްވެ، ފަސޭހަވެގެންދާނެއެވެ.
މީގެ އިތުރުން، 2013 ވަނަ އަހަރު ހަތަރު އެނދާއެކު ފެށި ޑައިލިސިސްގެ ޚިދުމަތް، މިއަދު ހުޅުވި އައު ސެންޓަރާއެކު ވަނީ އަށް އެނދަށް ފުޅާކޮށްފައެވެ. މި ސެންޓަރުގައި ޚާއްސަ އައިސޮލޭޝަން އެނދެއް ހިމެނޭއިރު، އައިސީޔޫގައި ފަރުވާ ހޯދާ ބަލިމީހުންނަށްވެސް ފަސޭހަކަމާއެކު ޑައިލިސިސް ހެދޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފައެވެ. ސަރުކާރުން ކުރިއަށްގެންދިޔަ މި މުހިންމު މަޝްރޫއުގެ ސަބަބުން ކުޅުދުއްފުށީ ސަރަހައްދުގެ ސިއްހީ ނިޒާމަށް ބޮޑު ކުރިއެރުމެއް ލިބި، ރައްޔިތުންނަށް ފެންވަރު ރަނގަޅު އަވަސް ފަރުވާއެއް ކަށަވަރުވެގެންދާނެއެވެ.
ކޮމެންޓު ފޮނުވާ