ގ. ހިޔާރޯދިގޭގައި އަލިފާން ރޯވި ހާދިސާއާ ގުޅިގެން ހައްޔަރުކުރި މީހާގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން އިތުރުކޮށްފިއެވެ.
މި މައްސަލައިގައި ހުޅުޖެހުމާއި މުދަލަށް ގެއްލުން ދިނުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ލ. މާބައިދޫ، ސަބުނަމްހައުސް، އުމުރުން 29 އަހަރުގެ ހުސައިން ޝަހްބާންއެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކޯޓަށް ހާޒިރުކުރުމުން، ތަހުގީގު ކުރިއަށްގެންދިއުމަށްޓަކައި 30 ދުވަހުގެ މުއްދަތަކަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. ފުލުހުން އޭނާއަށް ތުހުމަތުކުރަނީ އަލިފާން ރޯވުމުގެ ކުޑައިރުކޮޅެއް ކުރިން އެ ގެއަށް ވަދެފައިވާތީއެވެ.
ކޯޓު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުން، ޝަހްބާންގެ މައްޗަށް ތުހުމަތުކުރެވޭ މިންވަރަށް ފުލުހުން ވަނީ ހެކި ހުށަހަޅާފައެވެ. އޭގެ ތެރޭގައި ތަހުގީގު ބަޔާނާއި، ހާދިސާގެ ރިޕޯޓާއި، ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓުގެ އިތުރުން އޭނާ ހަރަކާތްތެރިވި ގޮތް ދައްކުވައިދޭ ޓައިމްލައިނަކާއި ސްނެޕްޝޮޓްތައް ހިމެނޭ ފޮޓޯ ރިޕޯޓެއް ހިމެނެއެވެ.
މީގެ އިތުރުން، އަލިފާނުގެ ސަބަބުން އެގެއަށް ލިބިފައިވާ ގެއްލުންތައް ފެންނަ ފޮޓޯތަކާއި، އެ ތަން މަރާމާތުކުރުމަށް ހިނގާނެ ހަރަދުގެ ތަފްސީލުވެސް ކޯޓަށް ހުށަހަޅާފައިވާކަމަށް ކޯޓު އަމުރުގައި ފާހަގަކޮށްފައިވެއެވެ.
ކޮމެންޓު ފޮނުވާ