ޚިޔާލު ހޯދުމުގެ ވޯޓުގެ ސުވާލު އިބާރާތްކުރާނެ ވަކި ގޮތެއް ޤާނޫނުއަސާސީގައި ނެތްކަމަށް ދައުލަތުން ބުނެފި

ޚިޔާލު ހޯދުމުގެ ވޯޓުގެ ސުވާލު އިބާރާތްކުރާނެ ވަކި ގޮތެއް ޤާނޫނުއަސާސީގައި ނެތްކަމަށް ދައުލަތުން ބުނެފި

Author
ޙަސަން މުޙައްމަދު
26 މާރޗް 2026 03:34
0

ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓުގައި އަހާ ސުވާލު އިބާރާތްކުރަންޖެހޭ ވަކި ޚާއްޞަ ގޮތެއް ޤާނޫނުއަސާސީގައި ބަޔާންކޮށްފައި ނުވާނެކަމަށް ބަންޑާރަނައިބުގެ އޮފީހުން ސުޕްރީމް ކޯޓުގައި މިއަދު ބުނެފިއެވެ.

މި މައްސަލައަކީ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރު ކުރުކޮށް، މަޖިލިސް އަދި ރިޔާސީ އިންތިޚާބު އެއްކޮށްލުމަށް ޤާނޫނުއަސާސީއަށް ގެނައި 8 ވަނަ އިޞްލާޙު ތަސްދީޤުކުރުމާ މެދު އަންނަ މަހުގެ 4 ވަނަ ދުވަހު ނެގުމަށް ހަމަޖެހިފައިވާ ފެންނަ ނުފެންނަ ވޯޓުގައި އަހާ ސުވާލު ޤާނޫނުއަސާސީގެ 262 ވަނަ މާއްދާއާ ޚިލާފުކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެކެވެ. ޤާނޫނީ ވަކީލު އަޙްމަދު އައިކް އީސާ އަދި އިބްރާހީމް ޝިޔާމް، ރައީސް އޮފީހާއި، އޭޖީ އޮފީސް އަދި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް ހުށަހެޅި މި މައްސަލައިގެ އަޑުއެހުމުގައި ދައުލަތުގެ ވަކީލުން ވަނީ ވޯޓުގައި އަހަން ކަނޑައަޅާފައިވާ ސުވާލުގެ ދިފާޢުގައި ވާހަކަދައްކަވާފައެވެ.

ދައުލަތުގެ ވަކީލު ޙައްވާ ސަނާ އަދި ސްޓޭޓް އެޓާނީ ޝުހުދު މުޙައްމަދު ވަޙީދު ފާހަގަކުރެއްވި ގޮތުގައި، ޤާނޫނުއަސާސީގެ 262 ވަނަ މާއްދާއިން ލާޒިމުކުރަނީ ބައެއް ޙައްސާސް އިޞްލާޙުތައް ތަސްދީޤުކުރުމުގެ ކުރިން ރައްޔިތުންގެ އަޣުލަބިއްޔަތު އޮތްތޯ ބެލުމަށެވެ. ނަމަވެސް އެ ވޯޓުގައި އަހާނެ ސުވާލު ފަރުމާކުރާނެ ގޮތާއި ވަކި މުއްދަތުތަކެއް އެ މާއްދާގައި ބަޔާންކޮށްފައި ނުވާކަމަށާއި، އެއީ އިޖުރާއީ ކަމެއްކަމަށް ދައުލަތުން ވަނީ ބުނެފައެވެ. އެހެންކަމުން މިއީ ދުސްތޫރީ މައްސަލައެއް އުފެދޭނެ ކަމެއް ނޫންކަމަށް ދައުލަތުން ވަކާލާތުކުރިއެވެ.

މައްސަލަ ހުށަހެޅި ފަރާތާއި ދައުލަތަށް ވާހަކަދެއްކުމަށް ފުރުޞަތު ދެއްވުމަށްފަހު، ރިޔާސަތުގައި އިންނެވި އުއްތަމަ ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު ވަނީ އަޑުއެހުންތައް ނިންމަވާލައްވާފައެވެ. އަދި ދެން އޮންނާނީ މައްސަލައިގެ ގޮތެއް ނިންމުންކަން އިއުލާންކުރެއްވި ނަމަވެސް، އެ މަޖިލިސް އޮންނާނެ ވަކި ތާރީޚެއް ހާމަކުރައްވާފައެއް ނުވެއެވެ. މި މައްސަލަ ބައްލަވަނީ އުއްތަމަ ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދުގެ އިތުރުން، ފަނޑިޔާރު ޙުސައިން ޝަހީދު، ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން އަދި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް ހިމެނިވަޑައިގަންނަވާ ފަސް ފަނޑިޔާރުންގެ ބެންޗަކުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.