ހުޅުމާލެ ފޭސް 3 އިން ގޯތި ލިބުނު ފަރާތްތަކަށް މިއަދު ބިން ހަވާލުކުރަން ފަށަނީ

ހުޅުމާލެ ފޭސް 3 އިން ގޯތި ލިބުނު ފަރާތްތަކަށް މިއަދު ބިން ހަވާލުކުރަން ފަށަނީ

Author
ޙަސަން މުޙައްމަދު
26 މާރޗް 2026 03:31
0

"ބިންވެރިޔާ" ސްކީމްގެ ދަށުން ހުޅުމާލެ ތިންވަނަ ފިޔަވަހިން ގޯތި ލިބުނު މީހުންނަށް ބިން ހަވާލުކުރުމުގެ މަސައްކަތް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ހަވީރު ފަށާނެއެވެ.

މިއަދު ހަވީރު 4:00 ގައި ބިންތައް ހަވާލުކުރަން ފެށުމަށްޓަކައި އެޗްޑީސީން ވަނީ ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީއާ ގުޅިގެން އެ ސަރަހައްދު ސާވޭކޮށް، ގޯތިތަކުގެ އިންފާރު ވަކިކުރުމުގެ އެންމެހާ ތައްޔާރީތައް ފުރިހަމަކޮށްފައެވެ.

ކުރީ ސަރުކާރުން މާލެ ސަރަހައްދުން 9،000 އަށްވުރެ ގިނަ ގޯތި ދޫކުރިއިރު، ހުޅުމާލެ ފޭސް ތިނަކުން 698 ގޯތި ދޭން އޮތީ ނިންމާފައެވެ. ނަމަވެސް އޭރު އެ ސަރަހައްދުގައި 100 އެއްހާ ގޯތި ދެވޭ ވަރަށްވެސް ބިން އޮތީ ނުހިއްކައެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވުމަށްފަހު، ބާރު ސްޕީޑުގައި މަސައްކަތް ކުރިއަށް ގެންގޮސް، މިދިޔަ ޖެނުއަރީ މަހުގެ ނިޔަލަށް ވަނީ ފޭސް ތިނެއްގެ 63 ހެކްޓަރުގެ ބިން އެއްކޮށް ހިއްކައި ނިންމާފައެވެ.

މި ސަރަހައްދު ހިއްކުމުގެ މަސައްކަތް ކޮށްފައިވަނީ އެއްފަހަރާ 22،000 ކިއުބިކް މީޓަރުގެ ވެލި ނެގުމުގެ ގާބިލުކަން ހުރި ބޮޑެތި ޑްރެޖަރުތައް ބޭނުންކޮށްގެންނެވެ. ހުޅުމާލޭގެ މާސްޓާ ޕްލޭން ރިވައިޒް ކުރުމަށް ކުޑަ މެދުކެނޑުމަކަށްފަހު، މި މަޝްރޫއުގެ މަސައްކަތް އަލުން ފަށައި ނިންމާލާފައިވަނީ މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް އަވަސް ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ މައިގަނޑު ސިޔާސަތުގެ ދަށުންނެވެ. ހުޅުމާލޭގެ އިތުރުން ގިރާވަރު، ގުޅީފަޅު އަދި އުތުރުތިލަފަޅު ހިއްކުމުގެ މަސައްކަތްވެސް ސަރުކާރުން އަންނަނީ ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.