މާލެ ސިޓީ ކައުންސިލްގެ މޭޔަރު ކަމަށް ވާދަކުރައްވާ ކެންޑިޑޭޓް ނަންބަރު 4، މޫސާ ޢަލީ ޖަލީލަކީ އެ މަޤާމަށް އެންމެ ޤާބިލު އަދި ތަޖުރިބާކާރު ބޭފުޅާކަމަށް ބުނެ، ކުރިއަށް އޮތް އިންތިޚާބުގައި އޭނާއަށް ތާއީދުކުރުމަށް ގޮވާލައިފިއެވެ.
މޫސާ ޖަލީލަށް ތާއީދުކޮށް އާންމުކޮށްފައިވާ ބަޔާނެއްގައި ފާހަގަކޮށްފައިވާ ގޮތުގައި، އޭނާއަކީ ޤައުމީ ޚިދުމަތުގައި ފަޚުރުވެރި ރެކޯޑްތަކެއް އޮތް، ޤައުމުގެ ދިފާޢުގައި އަގުހުރި މަސައްކަތްތަކެއް ކުރައްވާފައިވާ ބަޠަލެކެވެ. ޚާއްޞަކޮށް 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ނުރައްކާތެރި ޢުދުވާނީ ޙަމަލާއިން ޤައުމު ސަލާމަތްކުރުމުގައި އޭނާ ދެއްކެވި ހިތްވަރާއި ޤައުމީ ރޫޙު ވަނީ ފާހަގަކޮށްފައެވެ. މި އަގުހުރި ޚިދުމަތްތަކުގެ އަގުވަޒަންކޮށް ދިވެހި ދައުލަތުން ވަނީ އޭނާއަށް ނިޝާން ޢަސްކަރީގެ ޢިއްޒަތްވެސް އަރުވާފައެވެ.
އޭގެ ފަހުން މިއަދާ ހަމައަށްވެސް މޫސާ ޖަލީލު ހުންނެވީ ޤައުމަށް ޚިދުމަތްކުރެއްވުމަށް ތައްޔާރަށް ކަމަށާއި، ފުރުއްވި ކޮންމެ މަޤާމެއްގެ ވާޖިބުތައް ތެދުވެރިކަމާއެކު އަދާކުރައްވާފައިވާކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ. އޭނާއަކީ ފަސްބައިގައި އެއްވެސް ކިލަނބުކަމެއް ނެތް ސާފު މާޒީއެއް އޮތް، އަދި އެންމެންގެ ލޯބި ހޯއްދަވާފައިވާ ރިވެތި އަޚުލާޤެއްގެ ވެރިއެއްކަން ވެސް ވަނީ ފާހަގަކޮށްފައެވެ.
މި ސަބަބުތަކަށްޓަކައި، ރާއްޖޭގެ ވެރިރަށް ހިންގުމުގެ އެންމެ އިސް މަޤާމަށް މޫސާ ޖަލީލަށްވުރެ ތަޖުރިބާކާރު، އަމާނާތްތެރި އަދި ކުފޫހަމަވާ އިތުރު ކެންޑިޑޭޓަކު ނެތްކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ. އަދި މާލެ ސިޓީ ހިންގުމަށް ދުރުވިސްނޭ މުރާލި ވެރިއަކު ބޭނުންވާ ފަރާތްތަކުން، ކުރިއަށް އޮތް އިންތިޚާބުގައި މޫސާ ޖަލީލަށް (ކެންޑިޑޭޓް ނަންބަރު 4 އަކަށް) ވޯޓު ދެއްވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
ކޮމެންޓު ފޮނުވާ