މާލޭގެ އާޓިފިޝަލް ބީޗުގައި ބޮޑު ލެޑް ސްކްރީނެއް ހަރުކޮށް، އެތަން ހިންގައިދޭނެ ފަރާތެއް ހޯދުމަށް މާލެ ސިޓީ ކައުންސިލުން އިއުލާނުކޮށްފިއެވެ.
ސިޓީ ކައުންސިލުން ބުނިގޮތުގައި މި ސްކްރީން ބެހެއްޓުމުގެ މައިގަނޑު މަގުސަދަކީ ކުރިއަށް އޮތް 2026 ވަނަ އަހަރުގެ ފީފާ ވޯލްޑްކަޕްގެ މެޗުތަކާއި، މުޖުތަމައަށް ފައިދާހުރި ތަފާތު އެކި ޕްރޮގްރާމްތައް އެ ސަރަހައްދަށް ޒިޔާރަތްކުރާ އާންމުންނަށް ފަސޭހައިން ބަލާލެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ. މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކަށް މައުލޫމާތު ދިނުމުގެ ބައްދަލުވުން މި މަހުގެ 29 ވަނަ ދުވަހު ސިޓީ ކައުންސިލްގެ ޕްރޮކިއުމަންޓް ސެކްޝަންގައި ކުރިއަށްދާނެއެވެ.
މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ އަންނަ މަހުގެ 7 ވަނަ ދުވަހުގެ ހެނދުނު 10:00 ގައި މާލެ ސިޓީ ކައުންސިލްގެ ހޯލްގައެވެ. ބީލަމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ދިވެހި ކުންފުނިތަކާއި، ޕާޓްނަޝިޕްތަކާއި، ލޯކަލް އިންވެސްޓްމަންޓްތަކުގެ އިތުރުން ވިޔަފާރި ކުރުމުގެ ހުއްދަ އޮންނަ ފަރާތްތަކަށެވެ. މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކަށާއި ގަޑިޖެހުމުގެ ފަހުން އަންނަ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެކަމަށް އެ ކައުންސިލުގެ އިއުލާނުގައި ވަނީ އަންގާފައެވެ.
ކޮމެންޓު ފޮނުވާ