މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ރާއްޖެއަށް އެއްވެސް އަސްކަރީ ނުރައްކަލެއް ނެތްކަމަށާއި، ހަނގުރާމައިގެ އެއްވެސް ބޭނުމަކަށް ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުންކުރުމުގެ ފުރުސަތު އެއްވެސް ގައުމަކަށް ނުދޭނެކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.
މި ހަނގުރާމައާ ގުޅިގެން ރާއްޖެއަށް ކުރިމަތިވެދާނެ ދަތިތައް ދެނެގަނެ ފިޔަވަޅު އެޅުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެކުލަވާލައްވާފައިވާ ޚާއްސަ ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ވިދާޅުވީ، ހަނގުރާމަ ފެށުނު ދުވަހުން ފެށިގެންވެސް ސަރުކާރުގެ ނިންމުމަކީ ރާއްޖޭގެ އެއްވެސް ސަރަހައްދެއް އަސްކަރީ ބޭނުމަކަށް އެއްވެސް ގައުމަކަށް ދޫނުކުރުން ކަމަށެވެ. އަދި އީރާނުން ޑިއޭގޯ ގާސިއާއަށް ދިން ހަމަލާއާ ގުޅިގެން ރައްޔިތުންގެ ކަންބޮޑުވުންތަކެއް ހުރި ނަމަވެސް، މިވަގުތު ރާއްޖެއަށް އަސްކަރީ ގޮތުން އެއްވެސް ނުރައްކަލެއް އޮތްކަމަށް ނުބެލެވޭކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވިއެވެ.
މި ބައްދަލުވުމުގައި ސަރުކާރުން ވަނީ ހަނގުރާމައިގެ ސަބަބުން އިގްތިސާދަށް ކޮށްފާނެ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް މަސައްކަތްކުރަމުންދާކަން ހާމަކޮށް، ރާއްޖެއަށް ބޭނުންވާ ތެލުގެ ސްޓޮކް ހުސްނުވެ މެދުކެނޑުމެއްނެތި ލިބޭނެކަމުގެ ޔަގީންކަންވެސް ދީފައެވެ. އަދި ރާއްޖެއިން ގޯސް ހާލަތަކަށް ތައްޔާރުނުވާކަމަށް ބުނެ އަމާޒުވަމުންދާ ފާޑުކިޔުންތަކަށްވެސް ކޮމިޓީން ވަނީ ރައްދުދީފައެވެ.
ހަނގުރާމައިގެ ބޭނުމަށް ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުންކުރަން ހުއްދައަށް އެދުނީ ކޮން ގައުމަކުންތޯ ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބުދެއްވަމުން ކޮމިޓީގެ ޗެއަރ އަދި ފޮރިން މިނިސްޓަރު އަބްދުﷲ ޚަލީލް ވިދާޅުވީ، ދެ ގައުމެއްގެ ދެމެދުގައި ކުރެވޭ ޑިޕްލޮމެޓިކް މުއާމަލާތްތަކުގެ މައުލޫމާތު އަނެއް ގައުމުގެ ހުއްދައާ ނުލައި ހާމަނުކުރެވޭނެ ކަމަށެވެ. އެހެންކަމުން އެކަމަށް އެދުނު ގައުމެއްގެ ނަން ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.
ކޮމެންޓު ފޮނުވާ