އދ. ދިގުރަށުގައި ބިދޭސީން ދިރިއުޅޭ ތަނެއްގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ފިހުނު ދެ މީހުންގެ ހާލު އަދިވެސް ސީރިއަސް ކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.
މި ހިނގާ މާރިޗު މަހުގެ 12 ވަނަ ދުވަހު ދިގުރަށުގެ އެކޮމޮޑޭޝަން ބްލޮކެއްގައި ރޯވެ ހިނގި މި ހާދިސާގައި ފަސް ބިދޭސީއަކު ވަނީ މަރުވެފައެވެ. މި ހާދިސާގައި އިތުރު ދެ މީހަކު ފިހި، ދުމުގެ އަސަރު ކުރުމުގެ ސަބަބުން ވޭތުވެދިޔަ ހަފުތާއެއްހާ ދުވަހު އަންނަނީ އައިޖީއެމްއެޗްގައި ފަރުވާދެމުންނެވެ. އެ ހޮސްޕިޓަލުން މައުލޫމާތު ދޭގޮތުގައި، އެ ދެ މީހުންނަށް އަދިވެސް ފަރުވާ ދެމުން އަންނަނީ އައިސީޔޫގައި ވެންޓިލޭޓަރުގައި ބާއްވައިގެންނެވެ. ނަމަވެސް އެމީހުންގެ ހާލަތާ ގުޅޭ އިތުރު ތަފްސީލެއް ހޮސްޕިޓަލުން ހާމަކޮށްފައެއް ނުވެއެވެ.
ދިގުރަށު ކައުންސިލުގެ ރައީސް އިބްރާހީމް ޢުޘްމާން ވިދާޅުވެފައިވާ ގޮތުގައި ބިދޭސީން އުޅެމުން ދިޔަ ގޭގައި އަލިފާން ރޯވާން މެދުވެރިވީ ގޭސް ލީކުވެގެންނެވެ. އެ ގޭގައި ވަދެ ނުކުތުމަށް ހުންނަނީ އަލިފާން ރޯވި ބަދިގެއާއި އިންވެގެން ހުންނަ އެންމެ ދޮރެއް ކަމަށްވާއިރު، އިމާރާތުން މީހުން ސަލާމަތްކުރަން ޖެހުނީ ގޭގެ ބިއްދޮށު ފާރު ތަޅައިލައިގެން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފަސް މީހުންގެ ފުރާނަ ގެއްލިގެންދިޔަ މި ހިތާމަވެރި ހާދިސާ ފުރިހަމައަށް ތަހުގީގުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ކަމާބެހޭ އިދާރާތަކަށް އަންގަވާފައެވެ.
ކޮމެންޓު ފޮނުވާ