9 އަހަރުވީ ޓެރަރިޒަމްގެ ދައުވާ ލަސްވާތީ ބާތިލުކޮށްދޭން ސުޕްރީމް ކޯޓަށް ހުށަހަޅައިފި

9 އަހަރުވީ ޓެރަރިޒަމްގެ ދައުވާ ލަސްވާތީ ބާތިލުކޮށްދޭން ސުޕްރީމް ކޯޓަށް ހުށަހަޅައިފި

Author
ޙަސަން މުޙައްމަދު
22 މާރޗް 2026 04:06
0

މާލޭގައި ބޮން ގޮއްވަން އުޅުނު ކަމުގެ ތުހުމަތުގައި ގދ. މަޑަވެލި ގަމަރީ އިއުތިސާމް މުހައްމަދު ސައީދުގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާ ނުނިމި 9 އަހަރަށްވުރެ ދިގުލައިގެން ގޮސްފައިވާތީ، އެ ދައުވާ ބާތިލުކޮށްދިނުމަށް އެދި އޭނާގެ ފަރާތުން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅައިފިއެވެ.

އިއުތިސާމްއާއި އިތުރު ބަޔަކު 2017 ވަނަ އަހަރު ފުލުހުން ހައްޔަރުކުރީ އަމިއްލައަށް ތައްޔާރުކޮށްގެން މާލޭގައި ބޮނެއް ގޮއްވާލަން އުޅުނުކަމުގެ ތުހުމަތުގައެވެ. އެ މީހުންގެ މައްޗަށް ހަމަ އެ އަހަރު ކްރިމިނަލް ކޯޓުގައި ދައުވާ އުފުލުމަށްފަހު، 2018 ވަނަ އަހަރު ޝަރުތުތަކަކާއެކު ބަންދުން ދޫކޮށްލިއެވެ. ނަމަވެސް، 2021 ވަނަ އަހަރު އިއުތިސާމްގެ މައްޗަށް ކުރެވުނު އިތުރު ތުހުމަތުތަކަކާ ގުޅިގެން ކޯޓުގެ އަމުރު ބާތިލުކޮށް އޭނާ އަލުން ބަންދުކުރިއެވެ. ފަހުން ކުރެވުނު ތުހުމަތުތައް ސާބިތުނުވި ނަމަވެސް، ބޮމުގެ މައްސަލައިގައި އޭނާ އަދިވެސް ހުރީ ބަންދުގައެވެ.

މައްސަލަ ނުނިމި ދިގުލައިގެންދާތީ، އިއުތިސާމްގެ ފަރާތުން އެންމެ ފުރަތަމަ އެދުނީ ކްރިމިނަލް ކޯޓުން އެ ދައުވާ ބާތިލުކޮށްދިނުމަށެވެ. އޭނާގެ ވަކީލު އަހްމަދު އަބްދުﷲ އަފީފު ވިދާޅުވި ގޮތުގައި، މައްސަލަ ލަސްވެފައިވަނީ ދައުލަތުން ދައުވާ ފޯމަށް ބަދަލުގެނައުމާއި، ކުރިން ނެތް ސިއްރު ހެއްކެއް ފަހުން ހުށަހެޅުމަށް ދައުލަތުން ކުރި މަސައްކަތްތަކެއްގެ ސަބަބުންނެވެ. މިއީ ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ، އެކަށީގެންވާ މުއްދަތެއްގައި އިންސާފުން ޝަރީއަތް ކުރުމުގެ ހައްގު ގެއްލިގެންދާ ކަމެއް ކަމަށް ވަކީލު ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް، ދައުލަތުން ގަސްތުގައި މައްސަލަ ލަސްކުރަން އުޅުނުކަން ސާބިތުނުވާތީ، ކްރިމިނަލް ކޯޓާއި ހައިކޯޓުންވެސް ނިންމީ މައްސަލަ ބާތިލުކުރެވެން ނެތް ކަމަށެވެ.

ދަށު ކޯޓުތަކުގެ އެ ނިންމުމާ ހިތްހަމަނުޖެހިގެން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅަމުން، އިއުތިސާމްގެ ފަރާތުން ވަނީ މައިގަނޑު ތިން ކަމަކަށް އެދިފައެވެ. އެއީ ދައުލަތުގެ އަމަލުތަކުގެ ސަބަބުން އޭނާގެ ހައްގުތަކަށް އުނިކަން ލިބިއްޖެކަމަށް ކަނޑައަޅައިދިނުމާއި، މައްސަލައެއް ބާތިލުކުރެވޭނީ ހަމައެކަނި އިންސާފު ލިބުން މުސްތަހީލުވާ ހާލަތުގައި ކަމަށް އޮންނަ އުސޫލު ބާތިލުކުރުމާއި، އަދި މައްސަލަ އިތުރަށް ކުރިއަށް ނުގެންގޮސް ބާތިލުކުރުމަށް ކްރިމިނަލް ކޯޓަށް އަންގައި ހުކުމްކޮށްދިނުމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.