އދ. ދިގުރަށުގައި ބިދޭސީން ދިރިއުޅޭ އެކޮމޮޑޭޝަން ބްލޮކެއްގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ބޮޑަށް ފިހުނު ދެ މީހަކަށް މާލެ ގެނެސް ވެންޓިލޭޓަރުގައި ފަރުވާދޭން ފަށައިފިއެވެ.
މި މަހުގެ 12 ވަނަ ދުވަހުގެ ދަންވަރު ހިނގި މި ހިތާމަވެރި ހާދިސާގައި ފަސް މީހަކު ވަނީ ނިޔާވެފައެވެ. އަދި އެކިވަރުގެ އަނިޔާ ލިބުނު އަށް މީހަކަށް ފުރަތަމަ އެރަށު ސިއްހީ މަރުކަޒުގައި ފަރުވާދިނުމަށްފަހު، އޭގެ ތެރެއިން ހާލު އެންމެ ސީރިއަސްވި ދެ މީހުން ވަނީ އިތުރު ފަރުވާއަށް އައިޖީއެމްއެޗަށް ގެނެސްފައެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލަކު މައުލޫމާތު ދެއްވި ގޮތުގައި، އައިސީޔޫގައި ފަރުވާދެމުންދާ މި ދެ މީހުންގެ ތެރެއިން އެކެއްގެ ހަށިގަނޑުގެ 24 އިންސައްތަ ވަނީ ފިހިފައެވެ. އަދި ދެވަނަ މީހާގެ ހަށިގަނޑުގެ 17 އިންސައްތަ ފިހިފައިވާއިރު، ދެ މީހުންގެ ހާލުވެސް ސީރިއަސް ކަމުން ފަރުވާދެމުން އަންނަނީ ވެންޓިލޭޓަރުގެ އެހީގައެވެ.
ގިނަ ބައެއްގެ ފުރާނަ ގެއްލިދިޔަ މި ބޮޑު ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި، މާލެއިން ދިޔަ ހާއްސަ ތަހުގީގު ޓީމަކުން މިހާރު އަންނަނީ އެރަށުގައި ހަރަކާތްތެރިވަމުންނެވެ.
ކޮމެންޓު ފޮނުވާ