މެދުއިރުމަތީގެ ހަމަނުޖެހުންތަކާއެކު ރާއްޖެއަށް އަންނަ ޕްރައިވެޓް ޖެޓުތަކުގެ އަދަދު ރެކޯޑު މިންވަރަކަށް އިތުރުވެއްޖެ

މެދުއިރުމަތީގެ ހަމަނުޖެހުންތަކާއެކު ރާއްޖެއަށް އަންނަ ޕްރައިވެޓް ޖެޓުތަކުގެ އަދަދު ރެކޯޑު މިންވަރަކަށް އިތުރުވެއްޖެ

Author
އަހުމަދު
16 މާރޗް 2026 11:11
0

މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ކޮމަރޝަލް ފްލައިޓުތަކަށް ބުރޫއެރުމާއެކު، ފާއިތުވި ދެ ހަފުތާ ތެރޭގައި ރާއްޖެއަށް ޒިޔާރަތްކުރި ޕްރައިވެޓް ޖެޓުތަކުގެ އަދަދު ދެގުނައަށްވުރެ އިތުރުވެއްޖެއެވެ.

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ ތަފާސްހިސާބުތައް ދައްކާގޮތުން، މިދިޔަ މަހުގެ 28 އިން ފެށިގެން މި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 128 ޕްރައިވެޓް ޖެޓު އައިސްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި އައި 70 ޖެޓާ އަޅާބަލާއިރު 166 އިންސައްތައިގެ ބޮޑު ކުރިއެރުމެކެވެ. މިދިޔަ އަހަރު ދުވާލެއްގެ މައްޗަށް އެވްރެޖުކޮށް 5 ޖެޓު އައި ނަމަވެސް، މިހާރު އެ އަދަދު ވަނީ 12 އަށް އުފުލިފައެވެ. އަދި މި މަހުގެ ތިންވަނަ ދުވަހު އެކަނިވެސް 18 ޖެޓު އައިސްފައިވާއިރު، މިއީ އެއް ދުވަހެއްގެ މައްޗަށް ބަލާއިރުވެސް ރެކޯޑު އަދަދެކެވެ. މިދިޔަ އަހަރު އެއް ދުވަހެއްގައި އެންމެ ގިނައިން އައިސްފައިވަނީ 9 ޖެޓެވެ.

މިކަމާ ގުޅޭގޮތުން މޯލްޑިވްސް އެސޯސިއޭޝަން ފޯ ޓްރެވަލް އެޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓަރސް (މަޓާޓޯ) އިން ބުނީ، މެދުއިރުމައްޗަކީ ރާއްޖެއަށް އަންނަ ގިނަ ފަތުރުވެރިން ޓްރާންސިޓްކުރާ މައި ހަބަކަށް ވުމާއެކު، އެ ސަރަހައްދުގެ ހަމަނުޖެހުންތަކާ ހެދި ގިނަ ފްލައިޓުތަކެއް ކެންސަލްވަމުންދާ ކަމަށެވެ. އެހެންކަމުން، ރާއްޖެއަށް އަންނަން ބޭނުންވާ ފަތުރުވެރިން ދަތުރުފަތުރުގެ ދަތިކަމުން ސަލާމަތްވުމަށް މިހާރު އިޚްތިޔާރުކުރަނީ ޕްރައިވެޓް ޖެޓުތަކުގައި ދަތުރުކުރުމަށް ކަމަށް އެ ޖަމްޢިއްޔާއިން ފާހަގަކުރެއެވެ.

މި ހާލަތުގެ ސަބަބުން ދަތުރުފަތުރުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް އައި ނަމަވެސް، ރާއްޖޭގެ ފަތުރުވެރިކަމަށް އޮތް ޑިމާންޑަށް އެއްވެސް އަސަރެއް ނުކުރާކަން މި ތަފާސްހިސާބުތަކުން ކަށަވަރުވާކަމަށް ފަތުރުވެރިކަމުގެ ދާއިރާގެ ޖަމްޢިއްޔާތަކުން ގަބޫލުކުރެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.