މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން، މި މަހުގެ ފުރަތަމަ 14 ދުވަހުގެ ތެރޭގައި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރާ އަޅާބަލާއިރު 18،626 އިން ދަށްވެއްޖެއެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން، މި މަހުގެ ފުރަތަމަ 14 ދުވަހު ރާއްޖެ އައިސްފައިވަނީ 69،648 ފަތުރުވެރިންނެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި 88،274 ފަތުރުވެރިން އައިސްފައިވާއިރު، މިއީ ބޮޑު ވެއްޓުމެކެވެ. އާންމުގޮތެއްގައި ދުވާލެއްގެ މައްޗަށް 7،000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައި ނަމަވެސް، ފަހަކަށް އައިސް މި އަދަދު ވަނީ 4،000 ގެ އަދަދުތަކަށް ވެއްޓިފައެވެ. އެހެންނަމަވެސް، އަހަރުގެ މިހާތަނަށް ޖުމްލަ 551،416 ފަތުރުވެރިން އައިސްފައިވުމަކީ ވޭތުވެދިޔަ ދެ އަހަރާ އަޅާބަލާއިރު ކުރިއެރުމެކެވެ.
ފަތުރުވެރިން އަންނަ މިންވަރު ކުއްލިއަކަށް ދަށްވެފައިވަނީ، އިސްރާއީލާއި އެމެރިކާއިން އީރާނަށް ދިން ހަމަލާތަކާއި އީރާނުގެ ރައްދު ހަމަލާތަކާ ގުޅިގެން މެދުއިރުމަތީގެ ބޮޑެތި ގައުމުތަކުގެ ވައިގެ ސަރަހައްދުތައް ބަންދުކުރަން ޖެހުމުންނެވެ. ޔޫއޭއީ، ގަތަރު އަދި ސައުދީ ފަދަ ގައުމުތަކުގެ ވައިގެ މަގުތައް ބަންދުވުމަކީ ރާއްޖެއަށް އޮތް ބޮޑު ގޮންޖެހުމެކެވެ. ރާއްޖެއަށް އަންނަ ފަތުރުވެރިންގެ 35 އިންސައްތަ މީހުން ދަތުރުކުރަނީ މެދުއިރުމަތީގެ މަގުތަކުން ކަމަށްވާއިރު، މިކަމުގެ ނޭދެވޭ އަސަރު ރާއްޖޭގެ އާމްދަނީއަށް ވަރަށް ބޮޑަށް ކުރާނެކަމަށް ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބްރާހީމް ވެސް ވަނީ ވިދާޅުވެފައެވެ.
ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، ރާއްޖޭގެ އެމްއޭސީއެލުން ވިއްކާ ޖެޓް ފިއުލްގެ އަގު ވެސް ވަނީ 1.19 ޑޮލަރުން 1.69 ޑޮލަރަށް ބޮޑުކޮށްފައެވެ. މިއާއެކު ރާއްޖެއަށް ދަތުރުކުރާ ބައެއް އެއާލައިންތަކުގެ ޓިކެޓުގެ އަގުތައް ވެސް އުފުލިފައިވާއިރު، ފަތުރުވެރިކަމުގެ ދާއިރާގެ މާހިރުން އަންނަނީ އިގްތިސާދަށް ކުރިމަތިވެދާނެ ހީނަރުކަމަކާމެދު ކަންބޮޑުވުން ފާޅުކުރަމުންނެވެ. ރާއްޖެއަށް މިހާރު އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމުތަކުގެ ގޮތުގައި އޮތީ ޗައިނާ (85،679)، ރަޝިއާ (65،492)، އިޓަލީ (51،942) އަދި އިނގިރޭސިވިލާތް (51،828) އެވެ.
ކޮމެންޓު ފޮނުވާ