ފުޅާވަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް އީރާނާއެކު އެއްބަސްވުމަކަށް އައުމަށް އަދި ތައްޔާރު ނޫންކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
ހޮނިހިރު ދުވަހު ޓްރަމްޕް ވިދާޅުވީ، އެއްބަސްވުމެއްގެ ޝަރުތުތައް "އަދި އެންމެ ރަނގަޅު ނޫން" ކަމަށާއި، އެއްބަސްވުމަކަށް ބޭނުންވާނެ ތަފްސީލުތައް ދެއްވުމަށް އޭނާ ވަނީ ދެކޮޅުހައްދަވާފައެވެ.
އޭނާ އެންބީސީ ނިއުސްއަށް ފޯނުން ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، "އީރާނުން އެއްބަސްވުމަކަށް އަންނަން ބޭނުންވޭ، ނަމަވެސް ޝަރުތުތައް އަދި އެންމެ ރަނގަޅު ނޫންކަމުން އަހަރެން އެއްބަސްވުމަކަށް އަންނާކަށް ބޭނުމެއް ނޫން" ކަމަށެވެ.
އީރާނުގެ ނިއުކްލިއަރ އަމާޒުތައް ދޫކޮށްލުމަށް ވެވޭ ވައުދަކީ މީގެ މުހިންމު ބައެއްކަމަށް ވުން އެކަށީގެންވާކަމަށް އޭނާ އިތުރަށް ވިދާޅުވިއެވެ.
އެމެރިކާއާއި އިސްރާއީލުން ފެށި ހަނގުރާމައަށް ރައްދުދިނުމުގެ ގޮތުން އީރާނުން އެހެން ގައުމުތަކަށް ދިން ހަމަލާތަކާމެދު ހައިރާންކަން ފާޅުކުރައްވައި، ޚާރގް އައިލެންޑަށް އެމެރިކާއިން ދިން ހަމަލާތަކުގައި އެ ރަށުގެ ގިނަ އަސްކަރީ މަރުކަޒުތައް "އެއްކޮށް ފުނޑުފުނޑުކޮށްލާފައިވާ" ކަމަށް ޓްރަމްޕް ސިފަކުރެއްވިއެވެ. އަދި "މަޖަލަކަށް އަދިވެސް މަދު ފަހަރަކު އެތަނަށް ހަމަލާދީފާނެ" ކަމަށް އޭނާ އިތުރަށް ވިދާޅުވިއެވެ.
'ކަނޑުއޮޅި ވަރަށް ވަރުގަދައަށް ސާފުކުރުން'
މީގެ އިތުރުން، އޭނާގެ ޓްރުތް ސޯޝަލް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ލިޔުއްވާފައިވަނީ "އީރާނުން ހުރްމޫޒް ކަނޑުއޮޅި ބަންދުކުރަން އުޅުމުގެ ސަބަބުން އަސަރުކުރާ ގިނަ ގައުމުތަކުން، އެމެރިކާއާ ގުޅިގެން، ކަނޑުއޮޅި ހުޅުވާފައި ބޭއްވުމަށާއި ސަލާމަތްތެރިކަން ކަށަވަރުކުރުމަށް މަނަވަރުތައް ފޮނުވާނެ" ކަމަށެވެ.
މީގައި ބައިވެރިވެދާނެ ގައުމުތަކުގެ ގޮތުގައި އޭނާ ފާހަގަކުރެއްވީ ޗައިނާ، ފްރާންސް، ޖަޕާން، ދެކުނު ކޮރެއާ އަދި އިނގިރޭސިވިލާތެވެ.
އިންޓަވިއުގެ ތެރޭގައި ހުރްމޫޒް ކަނޑުއޮޅިއާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އީރާނުން އެތަނުގައި މައިން ހަރުކޮށްފައިވާކަން ނުވަތަ ނޫންކަން އަދި ސާފުނުވާ ކަމަށެވެ.
"އަހަރެމެން މިދަނީ ވަރަށް ވަރުގަދައަށް އެ ކަނޑުއޮޅި ސާފުކުރަމުން، އަދި އެހެން ގައުމުތަކުންވެސް އަހަރެމެންނާ ގުޅޭނެކަމަށް ގަބޫލުކުރަން،" އޭނާ ވިދާޅުވިއެވެ.
އެމެރިކާގެ ކަނޑުގެ ސިފައިން ވިޔަފާރި ބޯޓުފަހަރަށް ހިމާޔަތްދޭނެކަން އޭނާ ޔަގީންކޮށްދެއްވާފައެއް ނުވެއެވެ. އޭގެ ބަދަލުގައި ވިދާޅުވީ އެއީ "ވެދާނެކަމެއް" ކަމަށެވެ.
ކޮމެންޓު ފޮނުވާ