މާލޭގައި ތޫނު އެއްޗަކުން ހަމަލާދިން މީހަކު 7 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި

މާލޭގައި ތޫނު އެއްޗަކުން ހަމަލާދިން މީހަކު 7 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި

Author
ޙަސަން މުޙައްމަދު
15 މާރޗް 2026 10:20
0

މާލޭގައި ތޫނު އެއްޗެއް ބޭނުންކޮށްގެން މީހަކަށް ހަމަލާދީ ޒަޚަމްކޮށްލި މައްސަލައެއްގައި ގދ. ގައްދޫ، ޖަނބުރީޒްގަސްދޮށުގެ، މުޙައްމަދު ޝަފީޤު 7 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

މިދިޔަ 2026 ވަނަ އަހަރުގެ މާރޗު 10 ވަނަ ދުވަހު ކޯޓުން ކުރި މި ހުކުމުގައި އޭނާ 7 އަހަރަށް ޖަލަށްލުމަށް ކަނޑައެޅި ނަމަވެސް، ތަހުގީގާއި ޝަރީއަތުގެ މަރުހަލާގައި ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމުން ޝަފީޤު ދެން ތަންފީޒުކުރަން ޖެހޭނީ 4 އަހަރުގެ ޖަލު އަދަބެކެވެ. އޭނާގެ މައްޗަށް ދައުވާ އުފުލާފައިވަނީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދަށުންނެވެ.

މި މާރާމާރީ ހިނގާފައިވަނީ 2023 ފެބުރުވަރީ 14 ވަނަ ދުވަހުގެ މެންދުރުފަހު 15:30 ހާއިރު، މާލޭގެ ވިލިމާލެ ފެރީ ޓާމިނަލް ސަރަހައްދުގައެވެ. ޝަރީއަތް ފެށުމާއެކު ޝަފީޤު ކުށަށް އިންކާރުކޮށް ދިފާއީ ހެކި ހުށަހެޅި ނަމަވެސް، މައްސަލައިގެ ފަހު މަރުހަލާގައި އޭނާ ވަނީ ކުށަށް އިއުތިރާފުވެފައެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ބުނެފައިވަނީ، ހާދިސާ ހިނގި ސަރަހައްދުން ހެކި އެއްކޮށް، މަންޒަރު ދުށް މީހުންގެ ބަޔާން ނަގައިގެން މައްސަލަ ވަރަށް ފުޅާ ދާއިރާއެއްގައި ތަހުގީގުކުރި ކަމަށެވެ. އަދި ޕީޖީ އޮފީސް މެދުވެރިކޮށް ދައުވާކޮށް، ކުށް ސާބިތުވުމަކީ މުޖުތަމައުގެ އަމާންކަން ގާއިމުކުރުމަށް ކުރާ މަސައްކަތަށް ލިބުނު ކާމިޔާބީއެއް ކަމަށާއި، އަނިޔާވެރި ކުށްތައް ކުރާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުމުގައި ފުލުހުން ފަސްނުޖެހޭނެ ކަމަށްވެސް އެ އިދާރާއިން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.