މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ކުރާނެ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި، އޯޕެކް ފަންޑުން 100 މިލިއަން ޑޮލަރު (1.54 ބިލިއަން ރުފިޔާ) ގެ ލޯނެއް ސަރުކާރުން ހަމަޖައްސައިފިއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ، އިޒްރޭލާއި އެމެރިކާއިން އީރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލި، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު މަދުވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. މި ހާލަތު މަހެއްހާ ދުވަހަށް ދެމިގެން ހިނގައްޖެނަމަ، ދައުލަތަށް 85 އާއި 100 މިލިއަން ޑޮލަރާ ދެމެދުގެ ގެއްލުމެއް ލިބޭނެކަމަށް ލަފާކުރެއްވޭކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މި ގެއްލުންތައް ފޫބެއްދުމަށާއި ދައުލަތުގެ ރިޒާވް އެކަށީގެންވާ މިންވަރެއްގައި ހިފެހެއްޓުމަށްޓަކައި، ބޭރުގެ ދެ އެޖެންސީއަކާ ގުޅިގެން ފައިސާ ހޯދުމުގެ މަސައްކަތް ކާމިޔާބުކަމާއެކު ކުރިއަށްދާކަން ޒަމީރު ހާމަކުރެއްވިއެވެ. އޯޕެކް ފަންޑުން ހަމަޖެހުނު މި ފައިސާއަކީ ޚާއްޞަކޮށް ތެލުގެ އަގު ބޮޑުވުމުން ދިމާވާ މާލީ ދަތިތައް ހައްލުކުރުމަށް ފޯރުކޮށްދޭ ފެސިލިޓީއެކެވެ. މި ލޯނު ނެގުމަށް ބޭނުންވާ އެންމެ ފަހުގެ ހުއްދަތައް ހޯދުމަށް މިހާރު ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް ހުށަހަޅާފައެވެ.
ހަނގުރާމަ ފެށުނު ފަހުން ރާއްޖެއަށް ތެޔޮ ގަންނަން ލިބޭ އަގު ދެގުނައަށް އުފުލިފައިވާއިރު، މި ބަދަލުތަކުން އާންމު ރައްޔިތުންނަށް ކުރާ އަސަރު ކުޑަކުރުމަށް ސަރުކާރުން އަންނަނީ ފިޔަވަޅުތަކެއް އަޅަމުންނެވެ. އޭގެ ތެރޭގައި، އެސްޓީއޯއަށް ލިބޭ ފައިދާގެ ތެރެއިން މި ގެއްލުން ފޫބެއްދުމަށް ކުރެވިދާނެ ކަންކަން ދިރާސާކޮށް، އެކަން ތަންފީޒުކުރުން ހިމެނޭކަމަށް ވެސް ފިނޭންސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ