މާލެ ނޯތު ހާބަރުން އުޅަނދުފަހަރަށް ޖާގަ ދޫކުރުމުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް، އިންސާފުވެރިކަމާއެކު އަވަސް ޚިދުމަތެއް ދިނުމުގެ ގޮތުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އެ ހާބަރުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެންނަން ނިންމައިފިއެވެ.
އެމްޕީއެލްއިން ހާމަކޮށްފައިވާ ގޮތުގައި މި އައު އުސޫލަށް އަމަލުކުރަން ފަށާނީ އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު 8:00 އިން ފެށިގެންނެވެ. އަލަށް ގެނައި ބަދަލާއެކު، މުދަލާއި ފަސިންޖަރުން އުފުލާ އުޅަނދުތަކުން ކީވޯލަށް ދައްކަންޖެހޭ ފައިސާ ދައްކައި ފުރާ ވަގުތުން ފެށިގެން ކޮންމެ ކިޔޫއެއްގައިވެސް ނަން ނޯޓުކުރުމުގެ ފުރުސަތު މިހާރު ލިބިގެންދާނެއެވެ.
މި ބަދަލުގެ ދަށުން، އޭ-ޒޯން އަދި ސީ-ޒޯންގެ ކިޔޫ ތަރުތީބުން ޖާގަ ލިބުމުން، 2 ގަޑިއިރު ތެރޭގައި ކީވޯލަށް ކައިރި ނުކުރެވިއްޖެނަމަ ނުވަތަ ފޯނުން ނުގުޅިއްޖެނަމަ އެ އުޅަނދެއް ވަގުތީގޮތުން 'ހޯލްޑް' ކުރެވި، ކިޔޫގައި ދެން ހުރި އުޅަނދަށް ޖާގަ ދެވޭނެއެވެ. މިގޮތަށް ހޯލްޑް ކުރެވޭ އުޅަނދުތައް އަލުން ކިޔޫއަށް ވައްދަން (އަންހޯލްޑް ކުރަން) ބޭނުންނަމަ، ގްރޭޓާ މާލެ ސަރަހައްދަށް ވަނުމަށްފަހު ހާބަރު އޮފީހަށް ގުޅަން ޖެހޭނެއެވެ. އަދި 'އަންހޯލްޑް' ކުރާތާ 2 ގަޑިއިރު ފަހުން ޖާގަ ހަމަޖެހޭއިރު، ޖެހިޖެހިގެން 3 ފަހަރު ޖާގަ ފަސްކޮށްދިނުމަށްފަހު 4 ވަނަ ފަހަރު ކިޔޫއިން އެއްކޮށް ކެންސަލްވާނެއެވެ. މީގެ އިތުރުން 'ހޯލްޑް' ކުރުމަށްފަހު ގިނަވެގެން އޮވެވޭނީ 5 ދުވަސް (120 ގަޑިއިރު) ވަންދެން ކަމަށާއި، އެ މުއްދަތު ހަމަވުމުން ކިޔޫއިން އުނިކުރެވޭނެ ކަމަށްވެސް އުސޫލުގައި ވެއެވެ.
އާންމު ޒޯންތަކާ ޚިލާފަށް، އެކްސްޕްރެސް ކިޔޫގައި އުޅަނދު 'ހޯލްޑް' ނުވަތަ 'ޕޯސްޓްޕޯން' ކުރުމުގެ ފުރުސަތެއް ނޯންނާނެއެވެ. އެކްސްޕްރެސް ކިޔޫއިން ޖާގަ ލިބުމުން ކީވޯލަށް ކައިރިކުރަން 4 ގަޑިއިރު ލިބޭއިރު، އެ ވަގުތުގެ ތެރޭގައި ނުކައިރިކޮށްފިނަމަ ކިޔޫއިން ކެންސަލްވާނެއެވެ. އަދި އެ 4 ގަޑިއިރަށް ކީވޯލް ޗާޖުވެސް ހިނގާނެ ކަމަށް އެމްޕީއެލްއިން މައުލޫމާތުދެއެވެ.
އެމްޕީއެލްއިން ވަނީ ނޯތު ހާބަރުން ފުރުމަށްފަހު ކިޔޫގައި ނަން ނޯޓުކުރުމާއި، ކިޔޫއިން ކެންސަލްވުމުން އަލުން ނޯޓުކުރުމަކީ އުޅަނދުތަކުގެ އަމިއްލަ ޒިންމާއެއްކަން ފާހަގަކޮށް، މި އައު އުސޫލުތަކަށް އުޅަނދުފަހަރުގެ ވެރިން ސަމާލުވުމަށް އެދިފައެވެ.
ކޮމެންޓު ފޮނުވާ