މިއަހަރުގެ ފިޠުރު ޢީދުގެ އުފާ ފާހަގަކުރުމުގެ ގޮތުން، ޤައުމީ ފެންވަރުގައި "ޢީދު ހަވީރު 1447″ ގެ ނަމުގައި ކުލަގަދަ ހަރަކާތްތަކެއް ތިން ދުވަހުގެ މުއްދަތަށް މާލެ ސަރަޙައްދުގައި ބާއްވަން ނިންމައިފިއެވެ.
ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރު (އެމްއެންޑީއެފް) އިން އިސްނަގައިގެން ވިލަރެސްކުރާ މި ހަރަކާތުގައި ފުލުހުންނާއި ސަރުކާރުގެ 10 ކުންފުންޏަކުން ބައިވެރިވާނެއެވެ. މި ހަރަކާތްތައް ކުރިއަށްދާނީ ޢީދު ދުވަހުން ފެށިގެން ކޮންމެ ދުވަހެއްގެ ހަވީރު 16:00 އިން 18:00 އަށް މާލެ، ހުޅުމާލެ އަދި ވިލިމާލޭގައެވެ. މިދިޔަ އަހަރު އާންމުންގެ ފަރާތުން ލިބުނު ބޮޑު ތަރުޙީބަށް ބިނާކޮށް، މާލޭގައި މި ހަރަކާތްތައް ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ އިސްލާމީ މަރުކަޒުގެ މާބަލް ސަރަޙައްދުން ފެށިގެން ޖުމްހޫރީ މައިދާނާއި ރަސްމީ ބޮޑު ފާލަމާ ހަމައަށެވެ. މީގެ އިތުރުން ހުޅުމާލޭގެ ސެންޓްރަލް ޕާކާއި ފޭސް 2 ގެ ހިޔާ ޕާކުގެ އިތުރުން ވިލިމާލޭ ފުޓްބޯޅަ ދަނޑުގައިވެސް މި ހަރަކާތްތައް އޮންނާނެއެވެ. އަދި މިކަމާ ގުޅިގެން ޢީދު ދުވަހު ސަލްޓަން ޕާކުވެސް އާންމުންނަށް ހުޅުވާލުމަށް ސަރުކާރުން ވަނީ ހަމަޖައްސަވާފައެވެ.
ޢާއިލާތަކާއި ކުޑަކުދިންނަށް ޚާއްޞަކޮށްގެން ބާއްވާ މި ޢީދު ހަވީރުގައި ގިނަ ކުޅިވަރުތަކަކާއި މުނިފޫހިފިލުވުމުގެ ހަރަކާތްތަކުގެ އިތުރުން ޢީދު ހަދިޔާ ބެހުން ކުރިއަށްދާނެއެވެ. ސަރުކާރުގެ ކުންފުނިތަކުން ތަފާތު ތީމުތަކަށް ސްޓޯލްތައް ތައްޔާރުކުރާއިރު، އެމްއެންޑީއެފްގެ ވަރަށް ޚާއްޞަ ހަރަކާތްތަކެއްވެސް ފެނިގެންދާނެއެވެ. އޭގެ ތެރޭގައި ސިފައިންގެ ޔުނިފޯމްތަކާއި، އޮޕަރޭޝަންތަކުގައި ބޭނުންކުރާ ހަތިޔާރުތަކާއި އެއްގަމާއި ކަނޑުމަތީ އުޅަނދުތައް އާންމުންނަށް ދައްކާލުމާއި، އެތަކެއްޗާއެކު ފޮޓޯ ނެގުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
މި ކުލަގަދަ ޢީދު ހަވީރުގައި ބައިވެރިވާ ސަރުކާރުގެ ކުންފުނިތަކުގެ ތެރޭގައި ސްޓެލްކޯ، އެމްޑަބްލިއުއެސްސީ، ވެމްކޯ، އެމްޕީއެލް، އެޗްޑީސީ، އެސްޓީއޯ، އެމްއޭސީއެލް، އާރުޑީސީ، އެމްޓީސީސީ އަދި މިފްކޯ ހިމެނެއެވެ.
ކޮމެންޓު ފޮނުވާ