މާލޭގެ ގެސްޓްހައުސްއަކަށް މީހަކު ގެންގޮސް އަނިޔާކުރުމަށްފަހު ފައިސާ ފޭރުނު މީހެއްގެ މައްޗަށް ކުށް ސާބިތުވެ، އޭނާ ބޮޑު އަދަދަކުން ޖޫރިމަނާކޮށްފިއެވެ.
މި މައްސަލައިގައި ކޯޓުން ހުކުމްކޮށްފައިވަނީ ވ. ބޮލިހުރާ، ޙުސައިން ޔޫނުސް ފަޞީޙްގެ މައްޗަށެވެ. އޭނާ ވަނީ އިތުރު ބަޔަކާ ބައިވެރިވެގެން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި މީހަކު ގެސްޓްހައުސްއަކަށް ގެންގޮސްދީފައެވެ. އަދި އެތަނުގައި އެމީހާއަށް އަނިޔާކޮށް، އޭނާގެ ބޭންކް އެކައުންޓުން 30،000 ރުފިޔާ ވަނީ ފޭރިގަނެފައެވެ.
މި އަހަރުގެ ޖަނަވަރީ މަހުގެ 8 ވަނަ ދުވަހު ދައުލަތުން މި މައްސަލަ ޝަރީއަތަށް ހުށަހެޅުމުން، ފަޞީޙް ވަނީ އޭނާގެ މައްޗަށް އުފުލި ފޭރުމުގެ ދައުވާއަށް އިއުތިރާފުވެފައެވެ. އަދި ދައުލަތާއެކު އޭނާ ހެދި އިއުތިރާފުގެ އެއްބަސްވުމުގެ ދަށުން، މި މަހުގެ 5 ވަނަ ދުވަހު ކޯޓުން ވަނީ އޭނާ 4 މަހާއި 23 ދުވަހަށް ޖަލަށްލުމާއެކު 28،600 ރުފިޔާއިން ޖޫރިމަނާކުރުމަށް ހުކުމްކޮށްފައެވެ.
ނަމަވެސް، ތަހުގީގާއި ޝަރީއަތުގެ މަރުހަލާގައި ފަޞީޙް ވަނީ ޖުމްލަ 4 މަހާއި 26 ދުވަސް ބަންދުގައި ހޭދަކޮށްފައެވެ. އެހެންކަމުން، އޭނާގެ މައްޗަށް އިއްވި ޖަލު ހުކުމުގެ މުއްދަތަށްވުރެ ގިނަ ދުވަހު އޭނާ ބަންދުގައި ހުރެފައިވާތީ، ދެން އިތުރަށް އޭނާ ޖަލުގައި ހުންނަން ނުޖެހޭނެކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ.
މި މައްސަލައިގައި ފަޞީޙް ދެން ތަންފީޒުކުރަން ޖެހޭ ހަމައެކަނި އަދަބަކީ، ކޯޓުން ކަނޑައަޅާފައިވާ 28،600 ރުފިޔާގެ ޖޫރިމަނާގެ ފައިސާ، ކުރިއަށް އޮތް 12 މަސް ދުވަހުގެ ތެރޭގައި ދައުލަތަށް ދައްކައި ޚަލާޞްކުރުމެވެ.
ކޮމެންޓު ފޮނުވާ