އީރާނުން ހޮރްމޫޒް ކަނޑުއޮޅި ބަންދުކުރުމާ ގުޅިގެން، ދުނިޔޭގެ ބާޒާރުގައި ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު 114 ޑޮލަރަށް އުފުލިއްޖެއެވެ.
އެމެރިކާއާއި އިސްރާއީލުން އީރާނަށް ދެމުންގެންދާ ހަމަލާތަކަށް ރައްދުދިނުމުގެ ގޮތުން، މި މަހުގެ 3 ވަނަ ދުވަހު އީރާންގެ ރިވޮލިއުޝަނަރީ ގާޑް ފޯސްއިން ވަނީ އެ ކަނޑުއޮޅި ބަންދުކުރިކަން އިއުލާނުކޮށްފައެވެ. ހަކަތައާއި ބެހޭ ތަޖުރިބާކާރު އެޑް ހާސް ވިދާޅުވާ ގޮތުގައި، މި އަސްކަރީ ހަމަނުޖެހުންތަކުގެ ސަބަބުން ތެލުގެ ސަޕްލައިއަށް ބުރޫއަރައިފިނަމަ އަގުތައް އިންތިހާއަށް އުފުލިގެންދާނެއެވެ. އަދި މިހާރު ހުރި 114 ޑޮލަރަށްވުރެ ވެސް އަގުތައް މައްޗަށް ދިއުމަކީ ވަރަށް ގާތް ކަމެއް ކަމަށް ކަމާބެހޭ ފަރާތްތަކުން ލަފާކުރެއެވެ.
އީރާނާއި އޮމާނާ ދެމެދު އޮންނަ، ގާތްގަނޑަކަށް 100 މޭލު ދިގު އަދި އެންމެ ހަނި ހިސާބުގައި 21 މޭލު ފުޅާމިން ހުންނަ ހޮރްމޫޒް ކަނޑުއޮޅިއަކީ ދުނިޔޭގެ ތެލުގެ ވިޔަފާރީގެ އެންމެ މުހިންމު އެއް މަގެވެ. ދުނިޔޭގެ ޖުމްލަ ތެލުގެ ސަޕްލައިގެ 20 އިންސައްތަ މި މަގުން ދަތުރުކުރާއިރު، މިއީ ސައޫދީ އަރަބިއްޔާ، ޔޫއޭއީ، އިރާގު، ކުވެއިތު، ގަތަރު އަދި އީރާނުގެ ތެލާއި ގޭސް އެމެރިކާއާއި ޗައިނާ އަދި ޔޫރަޕަށް އުފުލުމަށް ބޮޑެތި ބޯޓުފަހަރު ބޭނުންކުރާ މައިގަނޑު ރާސްތާއެވެ. އެހެންކަމުން، މި ސަރަހައްދުގެ ދަތުރުފަތުރަށް ހުރަސްއެޅުމަކީ ތެލުގެ އަގު އަތްނުފޯރާ ފަށަށް ގޮސް، ސަރަހައްދީ ހަމަނުޖެހުން އިތުރަށް ގޯސްވެދާނެ ކަމުގެ ބިރު ބޮޑުވެފައިވާ ކަމެކެވެ.
ކޮމެންޓު ފޮނުވާ