ހަނގުރާމައިގެ ތެރޭގައި އީރާނުގެ އާ ސުޕްރީމް ލީޑަރަކަށް އައްޔަންކުރެވުނު މުޖްތަބާ ޚާމަނާއީ އަކީ ކާކު؟

ހަނގުރާމައިގެ ތެރޭގައި އީރާނުގެ އާ ސުޕްރީމް ލީޑަރަކަށް އައްޔަންކުރެވުނު މުޖްތަބާ ޚާމަނާއީ އަކީ ކާކު؟

Author
ހުސައިން
09 މާރޗް 2026 11:27
0

މުޖުތަބާ ޚާމަނާއީ ވަނީ އެމެރިކާ އާއި އިޒްރޭލުގެ ގުޅިފައިވާ ހަމަލާތަކުގައި އަވަހާރަކޮށްލެވުނު، އޭނާގެ ބައްޕަ އާޔަތުﷲ ޢަލީ ޚާމަނާއީގެ ބަދަލުގައި ވެރިކަމާ ހަވާލުވެވަޑައިގެންފައެވެ.

އެމެރިކާ އާއި އިޒްރޭލުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ފުރަތަމަ ދުވަހު އަވަހާރަކޮށްލެވުނު، އާޔަތުﷲ ޢަލީ ޚާމަނާއީގެ ދެވަނަ ދަރިކަލުން މުޖުތަބާ ޚާމަނާއީ، އީރާނުގެ އާ ސުޕްރީމް ލީޑަރުގެ ގޮތުގައި ހޮވާފައިވާ ކަމަށް އެގައުމުގެ ދައުލަތުގެ މީޑިއާއިން ވަނީ ރިޕޯޓުކޮށްފައެވެ.

ޢުމުރުން 56 އަހަރުގެ ހަރުކަށި ފިކުރުގެ ދީނީ ޢިލްމުވެރިޔާގެ މަންމަ، އަނބިކަނބަލުން، އަދި އެއް އުޚްތު ވެސް ބައްޕާފުޅު އަވަހާރަކޮށްލި ހަމަލާގައި ޝަހީދުވެފައިވެއެވެ. ނަމަވެސް ޒުވާން ޚާމަނާއީ އެ ވަގުތު އެ ތަނުގައި ހާޒިރުވެ ނެތް ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި މިހާތަނަށް އީރާނަށް ދެމުންދާ ވަރުގަދަ ބޮން އެޅުމުގެ ހަމަލާތަކުން ސަލާމަތްވެ ހުންނެވި ކަމަށް ބެލެވެއެވެ.

އީރާނުގެ އެސެމްބްލީ އޮފް އެކްސްޕާޓްސް – ޤައުމުގެ ސުޕްރީމް ލީޑަރު ހޮވާ 88 މެންބަރުންގެ ދީނީ ޢިލްމުވެރިންގެ ޖަމާޢަތް – ވަނީ އީރާނު ރައްޔިތުން އެއްބައިވަންތަކަމާއެކު ދެމިތިބެ، މުޖުތަބާ ޚާމަނާއީ އަށް ތާއީދު ކުރުމަށް ގޮވާލައިފައެވެ. ދައުލަތުގެ މީޑިއާ މެދުވެރިކޮށް ނެރުނު ބަޔާނެއްގައި، އެ އެސެމްބްލީ ބުނީ ޚާމަނާއީ ހޮވާފައިވަނީ "ނިންމާ ވޯޓެއްގެ" އެހީގައި ކަމަށެވެ. އަދި އީރާނުގެ ހުރިހާ ރައްޔިތުން، "ޚާއްޞަކޮށް ދީނީ ތައުލީމީ މަރުކަޒުތަކާއި ޔުނިވާސިޓީތަކުގެ ޢިލްމުވެރިންނާއި ބުއްދިވެރިން" ލީޑަރޝިޕަށް ބައިޢަތު ހިފައި، އެއްބައިވަންތަކަން ދެމެހެއްޓުމަށް ގޮވާލައިފައިވެއެވެ.

ޚާމަނާއީ ދުވަހަކުވެސް މަޤާމަކަށް ކުރިމަތިލައްވާފައެއް ނުވެއެވެ. އަދި ރައްޔިތުންގެ ވޯޓަކަށް ހުށަހެޅިފައެއް ނުވެއެވެ. ނަމަވެސް ފާއިތުވި އެތައް ދަހަރެއް ވަންދެން ކުރީގެ ސުޕްރީމް ލީޑަރުގެ އެންމެ ގާތް ދާއިރާގައި ވަރަށް ނުފޫޒު ގަދަ ޝަޚްޞިއްޔަތެއްގެ ގޮތުގައި ހުންނެވީ، ޕެރަމިލިޓަރީ އިސްލާމިކް ރެވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރް.ޖީ.ސީ) އާ ގާތް ގުޅުންތައް ބިނާކުރައްވަމުންނެވެ.

ފާއިތުވި އަހަރުތަކުގައި ޚާމަނާއީ ބައްޕާފުޅުގެ ބަދަލުގައި އެންމެ ގާތް ކެންޑިޑޭޓެއްގެ ގޮތުގައި ފާހަގަކުރެވެމުން ދިޔައެވެ. ބައްޕާފުޅު ގާތްގަނޑަކަށް 8 އަހަރު ރައީސްކަން ކުރެއްވުމަށްފަހު، 36 އަހަރު މުޠުލަޤު ބާރު އެގައުމުގައި ހިންގެވިއެވެ. އަދި ފެބްރުއަރީ 28 ހޮނިހިރު ދުވަހު ތެހެރާނުގައި ހުންނެވި އޭނާގެ ކޮމްޕައުންޑަށް ދިން ހަމަލާތަކުގައި އަވަހާރަވީއެވެ.

ޒުވާން ޚާމަނާއީ ވެރިކަމަށް ވަޑައިގެންނެވުމަކީ، އީރާނުގެ ސަރުކާރުގެ ހަރުކަށި ފެކްޝަންތަކުގެ ބާރު ދެމި އޮތް ކަމުގެ ސާފު ނިޝާނެކެވެ. އަދި ސަރުކާރުން ކައިރި މުސްތަޤްބަލެއްގައި އެއްވެސް އެއްބަސްވުމަކަށް ނުވަތަ މަޝްވަރާތަކަށް ދާން ބޭނުންނުވާ ކަމުގެ އިޝާރާތެއް ކަމުގައި ވެދާނެއެވެ.

މުޖުތަބާ ޚާމަނާއީ ޢާންމުކޮށް ވެރިކަމުގެ ވާރުތަ ކުރެއްވުމުގެ މައްސަލައާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވާފައެއް ނުވެއެވެ. މިއީ ޙައްސާސީ މައުޟޫޢެކެވެ. ސަބަބަކީ އޭނާ ސުޕްރީމް ލީޑަރުގެ މަޤާމަށް ވަޑައިގެންނެވުމަކީ، 1979 ގެ އިސްލާމީ އިންޤިލާބުގެ ކުރިން އޮތް ޕަހްލަވީ ރަސްކަމާ އެއް ގޮތް ވާރުތަ ވެރިކަމެއް ޤާއިމުކުރެވޭ ފަދަ ކަމަކަށް ވާނެތީއެވެ.

އޭގެ ބަދަލުގައި، ޚާމަނާއީ ބޮޑަށް އުޅުއްވީ ފާހަގަނުވެ، ޢާންމު ތަޤުރީރުތައް ނުދެއްވާ، ހުކުރު ޚުޠުބާ ނުދެއްވާ، ސިޔާސީ ތަޤުރީރުތައް ނުދެއްވާ ބޭފުޅެއްގެ ގޮތުގައެވެ. މިކަމުގެ ސަބަބުން އީރާނުގެ ގިނަ ރައްޔިތުންނަށް އޭނާގެ އަޑު ނީވެއެވެ. އެހެނަސް ދީނީ ވެރިކަމުގެ ނިޒާމުގައި އޭނާގެ ތަރި އަރަމުންދާ ކަން އެތައް އަހަރެއް ކުރިންސުރެ ދެނެގަނެވިފައި ވެއެވެ.

ތުހުމަތުތައް

ގާތްގަނޑަކަށް ވިއްސަކަށް އަހަރު ވަންދެން، ޤައުމީ އަދި ގައުމުން ބޭރުގައި ތިބި އިދިކޮޅު ފަރާތްތައް ޚާމަނާއީގެ ނަން ގުޅުވާފައިވަނީ އީރާނުގެ މުޒާހަރާކުރާ ފަރާތްތައް ހަރުކަށިކޮށް ހުއްޓުވުމާއެވެ. އީރާނުގެ އިޞްލާޙީ ފެކްޝަނުން ފުރަތަމަ ތުހުމަތު ކުރީ 2009 ގެ ގްރީން މޫވްމެންޓުގައި، އިންތިޚާބަށް ނުފޫޒު ފޯރުވައި، އައި.އާރް.ޖީ.ސީ ގެ ބަސީޖް ފޯސް ބޭނުންކޮށް ޞުލްޙަވެރި މުޒާހަރާކުރާ ފަރާތްތައް ހުއްޓުވި ކަމަށެވެ. މިކަން ހިނގީ މަހްމޫދު އަހްމަދީ ނެޖާދް ޚިލާފީ ވޯޓަކުން އަލުން ރައީސް ކަމަށް ހޮވުމާ ގުޅިގެންނެވެ. އެއަށްފަހު އިޞްލާޙީ ލީޑަރުންނާއި ތާއީދުކުރާ ފަރާތްތައް ހުއްޓުވުމުގެ ފިޔަވަޅު އެޅިއެވެ.

ބަސީޖް ފޯސް ވަނީ އޭގެ ފަހުން ވެސް، ޤައުމު އެފެންވަރުގެ އެތައް މުޒާހަރާ ތަކެއް ހުއްޓުވުމުގެ މައިގަނޑު ބާރެއްގެ ގޮތުގައި ޙަރަކާތްތެރިވެފައެވެ. އެންމެ ފާހަގަކޮށްލެވެނީ މީގެ ދެ މަސް ކުރިން ހިނގި ހާދިސާއެވެ. އެ ހާދިސާގައި އެކުވެރި ދައުލަތްތަކުގެ ޖަމިއްޔާ (އ.ދ) އާއި ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކާ ބެހޭ ޖަމިއްޔާތަކުން ބުނާ ގޮތުގައި ދައުލަތުގެ ފައުޖުތަކުން އެތައް ހާސް ބަޔަކު މަރާލީ ޖެނުއަރީ 8 އާއި 9 ގެ ރޭގަނޑުގައެވެ.

އަވަހާރަކޮށްލެވުނު ސުޕްރީމް ލީޑަރު އަދި ސަރުކާރުން ވަނީ މި ޤަތުލުތަކުގެ ޒިންމާ "ޓެރަރިސްޓުން" އާއި "ހަމަނުޖެހުން ހިންގާ ފަރާތްތައް" ގެ ބޮލުގައި އަޅުވައި، އެ ފަރާތްތަކަކީ އެމެރިކާ އާއި އިޒްރޭލުން ހަތިޔާރު ދީ، ތަމްރީނު ދީ، ފައިސާ ދީފައިވާ ބައެއް ކަމަށް ބުނެފައެވެ. ކުރީގެ މުޒާހަރާތަކުގެ ތެރޭގައިވެސް ސަރުކާރުން ބުނެފައިވަނީ ހަމަ މިފަދައިންނެވެ.

މެދު ފަންތީގެ ދީނީ ޢިލްމުވެރިއެއް ކަމުގައިވާ މުޖުތަބާ ޚާމަނާއީ، ޒުވާން ދުވަސްވަރުން ފެށިގެން އައި.އާރް.ޖީ.ސީ އާ ގާތް ގުޅުންތައް ބިނާ ކުރައްވަން ފެއްޓެވިއެވެ. 1980 ގެ ދަހަރުގެ އީރާން-ޢިރާޤު ހަނގުރާމައިގެ ތެރޭގައި ފައުޖުގެ ޙަބީބް ބެޓޭލިއަނުގައި ޚިދުމަތް ކުރެއްވިއެވެ. އޭނާގެ ބައިވެރިންގެ ތެރެއިން ގިނަ ފަރާތްތައް، އެހެން ދީނީ ޢިލްމުވެރިން ވެސް ހިމެނޭ ގޮތަށް، ފަހުން ސެކިއުރިޓީ އާއި އިންޓެލިޖެންސް ނިޒާމުގައި ލީޑަރޝިޕް މަޤާމުތައް ޙާޞިލު ކުރެއްވިއެވެ.

ޚާމަނާއީ ވަނީ އެމެރިކާ އާއި ހުޅަނގުގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ދަށުގައެވެ. އަދި ހުޅަނގުގެ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން، އެކި ޤައުމުތަކުގައި ހުރި ބޮޑެތި މިލްކިއްޔާތުތައް ހިމެނޭ ވިޔަފާރި އެމްޕަޔަރެއް އޭނާ ބިނާކުރައްވާފައިވެއެވެ. އެހެންނަމަވެސް ތުހުމަތު ކުރެވޭ މުޢާމަލާތްތަކުގައި އޭނާގެ ނަން ފެންނާކަށް ނެތެވެ. ނަމަވެސް ފާއިތުވި އަހަރުތަކުގައި، އީރާނު ސަރުކާރާ ގުޅުން ހުރި އެތެރޭގެ ފަރާތްތަކާއި ބައިވެރިންގެ ނެޓްވޯކެއް މެދުވެރިކޮށް ބިލިއަނުން ޑޮލަރު ދައުރުކޮށްފައިވާ ކަމަށް ރިޕޯޓުކޮށްފައިވެއެވެ.

ބްލޫމްބާގުން ޚާމަނާއީ ގުޅުވާފައިވަނީ ޢަލީ އަންޞާރީ އާ އެވެ. މިދިޔަ އަހަރުގެ ފަހުކޮޅު ޢަލީ އަންޞާރީ ސަމާލުކަމަށް އައީ، އޭނާގެ ބެންކް އާޔަންދެހް، ސިއްރުން ގައުމުގެ އެތެރޭގެ ފަރާތްތަކަށް ލޯނު ދީ، ބޮޑެތި ދަރަނިތައް އުފެދި، އެންމެފަހުން ބެންކް ބަނގުރޫޓުވެ، ދައުލަތުން މަޖުބޫރު ކޮށްގެން އެ ބޭންކު ބަންދުކުރުމާ ގުޅިގެންނެވެ. ބެންކް ބަންދުކުރުމުގެ ސަބަބުން އީރާނުގެ އިންފްލޭޝަން ދިޔައީ މައްޗަށެވެ. ގެއްލުންތައް ދައުލަތުގެ ފައިސާއިން ފޫބައްދަން ޖެހުމުން ރައްޔިތުން ފަޤީރުވެގެން ދިޔައެވެ.

ޚާމަނާއީ ވެސް އަންޞާރީ ވެސް، އެ ދެ ބޭފުޅުންގެ ގުޅުންތަކާއި ތުހުމަތުތައް – ޔޫރަޕުގެ ޤައުމުތަކުން ލަގްޒަރީ ޕްރޮޕަޓީ ގަތުން ހިމެނޭ ގޮތަށް – ޢާންމުކޮށް ވާހަކަ ދައްކަވާފައެއް ނުވެއެވެ.

ޚާމަނާއީގެ ދީނީ ޤާބިލުކަމާ ބެހޭ ގޮތުންވެސް ޚިލާފު އެބަ އޮތެވެ. ސަބަބަކީ އޭނާ އަކީ ހޮޖަތުލް އިސްލާމް، ނުވަތަ މެދު ފެންވަރުގެ ދީނީ ޢިލްމުވެރިއެކެވެ. އާޔަތުﷲ ގެ މަތީ ދަރަޖައެއް ނެތެވެ. ނަމަވެސް ބައްޕާފުޅުވެސް 1989 ގައި ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު އާޔަތުﷲ އެއް ނޫނެވެ. އެ ފަހަރު ޤާނޫނު ބަދަލުކުރީ ބައްޕާފުޅަށް ފުރުޞަތު ދިނުމަށެވެ. ހަމަ އެ ގޮތަށް މުޖުތަބާ އަށް ވެސް އެފަދަ ޙައްލެއް ހޯދައިދެވިދާނެއެވެ.

މި ވަގުތު، އީރާނުން އާ ލީޑަރުން ޢިޢުލާނު ކުރާނީ ކިހިނެއް ނުވަތަ ކޮން އިރަކު ކަމެއް ސާފެއް ނުވެއެވެ. ސަބަބަކީ އެ ޤައުމުން އަނެއްކާވެސް މުޅި ގައުމުގައި އިންޓަނެޓް ކަނޑާލައި، މަޢުލޫމާތު ދައުރުވުން ހުއްޓުވައި، އެމެރިކާ އާއި އިޒްރޭލުން ޤައުމުގެ އެކި ހިސާބުތަކަށް ވަރުގަދަ ބޮން އެޅުމުގެ ކެމްޕެއިނެއް ކުރިއަށް ގެންދާ ދަނޑިވަޅެއްގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.