އެފްއޭއެމްގެ މިއަހަރުގެ ބަޖެޓުގެ ގޮތުގައި 48 މިލިއަން ރުފިޔާ ފާސްކޮށްފި

އެފްއޭއެމްގެ މިއަހަރުގެ ބަޖެޓުގެ ގޮތުގައި 48 މިލިއަން ރުފިޔާ ފާސްކޮށްފި

Author
އަހުމަދު
08 މާރޗް 2026 06:03
0

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މިއަހަރަށް ލަފާކުރާ 48.4 މިލިއަން ރުފިޔާގެ ބަޖެޓެއް، ތިން އަހަރަށްފަހު ބޭއްވި އެ އިދާރާގެ ކޮންގްރެސްގައި ފާސްކޮށްފިއެވެ.

ރޭ ބޭއްވި ކޮންގްރެސްގައި މެމްބަރު ކްލަބްތަކުގެ އަޣުލަބިއްޔަތުން ފާސްކުރި 48،458،511 ރުފިޔާގެ ބަޖެޓަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭނެކަމަށް ލަފާކޮށްފައިވަނީ ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ، ފީފާއިންނެވެ. އެގޮތުން ފީފާއިން 32،703،111 ރުފިޔާ ލިބޭނެކަމަށް އަންދާޒާކޮށްފައިވާއިރު، ސްޕޮންސަރުންގެ ފަރާތުން 8،750،000 ރުފިޔާ އަދި އެފްއޭއެމްގެ އެކިއެކި ހަރަކާތްތަކުން 4،897،000 ރުފިޔާ ލިބޭނެކަމަށް ވަނީ ލަފާކޮށްފައެވެ. މީގެ އިތުރުން ކުޅިވަރާ ބެހޭ ވުޒާރާއިން 1.8 މިލިއަން ރުފިޔާ އަދި ޖަޕާނުގެ ފުޓުބޯޅަ އެސޯސިއޭޝަނުން 308،400 ރުފިޔާގެ އެހީތެރިކަން ލިބޭނެކަމަށްވެސް ބަޖެޓުގައި ހިމަނާފައިވެއެވެ.

މިއަހަރުގެ ހަރަދުތަކުގެ ގޮތުގައި ޖުމްލަ 48،385،770 ރުފިޔާ ހިނގާނެކަމަށް އެފްއޭއެމުން ލަފާކުރެއެވެ. މީގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކުރުމަށް ކަނޑައަޅާފައިވަނީ މުބާރާތްތައް ހިންގުމަށެވެ. އެކަމަށް 27،299،229 ރުފިޔާ ކަނޑައަޅާފައިވާއިރު، އިދާރީ ހިންގުމުގެ ހަރަދުތަކަށް 10،054،167 ރުފިޔާ ވަނީ ކަނޑައަޅާފައެވެ. އަދި ގައުމީ ޓީމުތަކަށް ހިނގާނެ ހަރަދުގެ ގޮތުގައި 6،370،860 ރުފިޔާ ވަނީ މި ބަޖެޓުގައި ފާސްކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.