މެދުއިރުމަތީގައި އުފެދިފައިވާ ހަނގުރާމައިގެ ހާލަތާ ގުޅިގެން ބައެއް ޤައުމުތަކުގެ ވައިގެ ސަރަހައްދު ބަންދުކުރުމުގެ ސަބަބުން، ރާއްޖެއަށް ދަތުރުކުރާ ގިނަ އަދަދެއްގެ ފަސިންޖަރުންނަށް ދިމާވެފައިވާ ދަތިތައް ހައްލުކޮށްދިނުމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އަވަސް ފިޔަވަޅުތަކެއް އަޅައި، އެހީތެރިކަން ފޯރުކޮށްދޭން ފަށައިފިއެވެ.
އިރާނާއި އިސްރާއީލު އަދި އެމެރިކާއާ ދެމެދު ބަދަލުކުރަމުންދާ ހަމަލާތަކުގެ ސަބަބުން ވައިގެ ދަތުރުފަތުރަށް ވަނީ ބޮޑެތި ހުރަސްތަކެއް އެޅިފައެވެ. އެމްއޭސީއެލްގެ ތަފާސްހިސާބުތައް ދައްކާގޮތުން، މި ހިނގާ ފެބްރުއަރީ 28 ވަނަ ދުވަހު އެކަނިވެސް 9 ފްލައިޓެއް ކެންސަލްވެ 1,716 ފަސިންޖަރުންނަށް އެކަމުގެ އަސަރުކޮށްފައިވާއިރު، މާރިޗު 1 ވަނަ ދުވަހު 19 ފްލައިޓެއް ކެންސަލްވެ 3,530 އަށްވުރެ ގިނަ ފަސިންޖަރުން ވަނީ ތާށިވެފައެވެ. މި ކުއްލި ހާލަތާ ގުޅިގެން ފަސިންޖަރުންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ފެބްރުއަރީ 28 އިން ފެށިގެން ވަނީ ޚާއްސަ "ޑިސްރަޕްޝަން މެނޭޖްމެންޓް ސެންޓަރެއް" ޤާއިމުކޮށް ޚިދުމަތްދޭން ފަށާފައެވެ.
ފަސިންޖަރުންގެ ކަންކަން ބެލެހެއްޓުމަށްޓަކައި ޑޮމެސްޓިކް ޓަރމިނަލް ބޭނުންކުރަން ފަށާފައިވާއިރު، ކެންސަލްވި ފްލައިޓްތަކުގެ އެއަރލައިންތަކަށް ޚާއްސަ ކައުންޓަރުތައްވެސް އެތަނުގައި ވަނީ ޤާއިމުކޮށްފައެވެ. މި މަސައްކަތުގެ ތެރެއިން ކަމާގުޅޭ ފަރާތްތަކުގެ އެހީއާއެކު ރޭގެ ނިޔަލަށް 130 ފަސިންޖަރުންނަށް ޒަރޫރީ އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް އެ ކުންފުނިން މަޢުލޫމާތު ދެއެވެ. ފަސިންޖަރުންނަށް ދިމާވާ ދަތިތައް ހައްލުކުރުމަށްޓަކައި ޓޫރިޒަމް މިނިސްޓްރީއާއި، ވިޒިޓް މޯލްޑިވްސް އަދި ޓުއަރ އޮޕަރޭޓަރުންނާ ގުޅިގެން އެމްއޭސީއެލްއިން އަންނަނީ ގާތުން މަސައްކަތް ކުރަމުންނެވެ.
މި ހާލަތުގައި ފަސިންޖަރުންނަށް ބޭނުންވާ އެކިއެކި އިންތިޒާމުތައް ހަމަޖެއްސުމުގައި އެއަރލައިންތަކުގެ މަންދޫބުން ހަރަކާތްތެރިވަމުން އަންނައިރު، މި ހާލަތާ ގުޅިގެން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޢާންމު އޮޕަރޭޝަންތަކަށް އެއްވެސް ބަދަލެއް ނާންނަކަމުގެ ޔަގީންކަން އެމްއޭސީއެލްއިން ވަނީ ދީފައެވެ.
ކޮމެންޓު ފޮނުވާ