އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަވީ ހޮނިހިރު ދުވަހު ހެނދުނު އޮފީހުގައި މަސައްކަތްޕުޅުގައި އިންނަވަނިކޮށް ކަމަށް އެގައުމުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލުން ހާމަކޮށްފިއެވެ.
އީރާނުގެ ދައުލަތުގެ ޓީވީ ޗެނަލްތަކުން އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލާ ހަވާލާދީ ބުނެފައިވަނީ، އާޔަތުﷲ ޚާމަނާއީ އަވަހާރަވީ ހޮނިހިރު ދުވަހުގެ ހެނދުނު، އޭނާގެ އޮފީހުގައި "މަސްއޫލިއްޔަތުތައް އަދާކުރެއްވުމުގައި" އުޅުއްވަނިކޮށް ކަމަށެވެ.
ސެޓެލައިޓް ފޮޓޯތައް ބޭނުންކޮށްގެން ބީބީސީ ވެރިފައި އިން ވަނީ، ތެހެރާންގައި ހުންނަ ޚާމަނާއީގެ އޮފީސް ކަމަށްވާ "ލީޑަރޝިޕް ހައުސް" ކޮމްޕައުންޑްގެ ބައެއް ތަންތަނަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަން މީގެ ކުރިން ކަށަވަރުކޮށްދީފައެވެ.
އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) އާ ގުޅުން އޮންނަ ތަސްނީމް ނިއުސް އޭޖެންސީން ބުނެފައިވަނީ، ޚާމަނާއީ އޮފީހުގައި އިންނަވަނިކޮށް އަވަހާރަވުމަކީ، އޭނާ ފިއްލަވައިގެން އުޅުއްވާ ކަމަށް ބުނެ ފެތުރުނު ވާހަކަތަކަކީ "ދުޝްމަނުންގެ ނަފްސާނީ ހަނގުރާމަ" (ސައިކޮލޮޖިކަލް ވޯފެއާ) ކަމުގެ ހެއްކެއް ކަމަށެވެ.
ޚާމަނާއީ އަވަހާރަވުމާ ގުޅިގެން އީރާނުގައި މިހާރުވަނީ 40 ދުވަހުގެ ހިތާމަ ފާޅުކުރަން ނިންމާފަ އެވެ.
ލޮލުން ކަރުނަ އަޅަމުން، ދައުލަތުގެ ޓީވީ ޕްރެޒެންޓަރަކު ޚާމަނާއީ އަވަހާރަވިކަން އިއުލާނުކޮށް، ގައުމުގައި 40 ދުވަހުގެ ހިތާމަ ފާޅުކުރުން އޮންނާނެ ކަމަށް ވަނީ ބުނެފައެވެ.
އީރާނަށް އެމެރިކާއާއި އިސްރާއީލުން ދެމުންދާ ހަމަލާތަކުގައި އެގައުމުގެ 40 އޮފިޝަލަކު މިހާތަނަށް މަރުވެފައިވާ ކަމަށާއި، އޭގެ ތެރޭގައި ރޫހީ ލީޑަރު އަލީ ޚާމަނާއީ އާއި އަސްކަރީ އިސް ކޮމާންޑަރުން ހިމެނޭ ކަމަށް، ޖާސޫސީ މަސްދަރުތަކާ ހަވާލާދީ ސީބީއެސް ނިއުސް އިން ރިޕޯޓުކޮށްފައި ވެއެވެ.
މި އޮފިޝަލުން ތިއްބެވީ އެއް ތަނެއްގައި ކަމެއް ނުވަތަ އެކި ތަންތަނުގައި ކަމެއް އަދި ސާފެއް ނުވެއެވެ.
އެ ފަރާތްތަކުން ބުނާ ގޮތުގައި މަރުވި މީހުންގެ ތެރޭގައި އީރާނުގެ ރޫހީ ލީޑަރު އަލީ ޚާމަނާއީ އާއި، އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސްގެ ކޮމާންޑަރުގެ އިތުރުން ޑިފެންސް މިނިސްޓަރުވެސް ހިމެނިވަޑައިގަންނަވައެވެ.
މި ހަމަލާތަކުގައި އީރާާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަވެއްޖެކަން އެގައުމުގެ ދައުލަތުގެ މީޑިއާތަކުން މީގެ ކުޑައިރުކޮޅެއް ކުރިން ވަނީ ކަށަވަރުކޮށްދީފައެވެ.
އާދީއްތަ ދުވަހުގެ ހެނދުނު ދައުލަތުގެ ބްރޯޑްކާސްޓަރު 'އައި.އާރް.އައި.ބީ' އިން ރިޕޯޓުކޮށްފައިވާ ގޮތުގައި "އީރާނުގެ ރޫހީ ލީޑަރު ވަނީ ޝަހީދުގެ ދަރަޖަ ހޯއްދަވާފައެވެ."
ދައުލަތާ ގުޅުންހުރި 'މެހެރް' ނިއުސް އިން ބުނެފައިވަނީ "މި މަތިވެރި އިލްމުވެރިޔާ އަދި މުޖާހިދު ވަނީ އީރާން ކުރިއެރުވުމަށްޓަކައި އޭނާގެ ފުރާނަ ގުރުބާންކުރައްވާފައި… އަދި އޭނާ ވަނީ މަތިވެރި ޝަހީދުންގެ އަރިހުގައި" ކަމަށެވެ. ރޫހީ ލީޑަރު އަވަހާރަވުމާ ގުޅިގެން އީރާނުން ވަނީ ގައުމީ ހިތާމައިގެ 40 ދުވަސް އިއުލާނުކޮށްފައެވެ.
މިކަން އިއުލާނުކޮށްފައި މިވަނީ، އެމެރިކާ އާއި އިޒްރޭލުން ގުޅިގެން އީރާނަށް ދިން ވަރުގަދަ ހަމަލާތަކެއްގައި ޚާމަނާއީ އަވަހާރަވެފައިވާ ކަމަށް އެ ދެ ގައުމުން ބުނެފައި ވަަނިކޮށެވެ.
މި ހަމަލާގައި އީރާނުގެ ރޫހީ ލީޑަރު އަލީ ޚާމަނާއީގެ ދަރިކަނބަލަކާއި، ދަނބިދަރިކަލަކާއި އަދި ކާފަދަރިކަލަކު ހަމަލާތަކެއްގައި އަވަހާރަވެފައިވާ ކަމަށް، އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސްއާ ގުޅުން އޮންނަ ފާރސް ނިއުސް އެޖެންސީން ރިޕޯޓުކޮށްފައި ވެއެވެ. އެ އެޖެންސީން މިކަން ހާމަކޮށްފައިވަނީ ޚާމަނާއީގެ އޮފީހުގެ "މައުލޫމާތު އެނގޭ ފަރާތްތަކާ" ހަވާލާދީއެވެ.
މީގެ އިތުރުން، މި ހަމަލާތަކުގައި ޚާމަނާއީގެ ޅީދަރިކަނބަލަކުވެސް އަވަހާރަވެފައިވާ ކަމަށް ބުނެވޭ ކަމަށް ފާރސް ނިއުސް އިން ރިޕޯޓުކޮށްފައިވެއެވެ.
ކޮމެންޓު ފޮނުވާ