ރޫޙީ ލީޑަރު އަވަހާރަވުމާއި ގުޅިގެން އިރާނުގައި 40 ދުވަހުގެ ހިތާމަ ފާޅުކުރަން ނިންމައިފި

ރޫޙީ ލީޑަރު އަވަހާރަވުމާއި ގުޅިގެން އިރާނުގައި 40 ދުވަހުގެ ހިތާމަ ފާޅުކުރަން ނިންމައިފި

Author
އަހުމަދު
01 މާރޗް 2026 07:29
0

ޚާމަނާއީ އަވަހާރަވުމާ ގުޅިގެން އީރާނުގައި 40 ދުވަހުގެ ހިތާމަ ފާޅުކުރަން ނިންމައިފި އެވެ.

ލޮލުން ކަރުނަ އަޅަމުން، ދައުލަތުގެ ޓީވީ ޕްރެޒެންޓަރަކު ޚާމަނާއީ އަވަހާރަވިކަން އިއުލާނުކޮށް، ގައުމުގައި 40 ދުވަހުގެ ހިތާމަ ފާޅުކުރުން އޮންނާނެ ކަމަށް ވަނީ ބުނެފައެވެ.

އީރާނަށް އެމެރިކާއާއި އިސްރާއީލުން ދެމުންދާ ހަމަލާތަކުގައި އެގައުމުގެ 40 އޮފިޝަލަކު މިހާތަނަށް މަރުވެފައިވާ ކަމަށާއި، އޭގެ ތެރޭގައި ރޫހީ ލީޑަރު އަލީ ޚާމަނާއީ އާއި އަސްކަރީ އިސް ކޮމާންޑަރުން ހިމެނޭ ކަމަށް، ޖާސޫސީ މަސްދަރުތަކާ ހަވާލާދީ ސީބީއެސް ނިއުސް އިން ރިޕޯޓުކޮށްފައި ވެއެވެ.

މި އޮފިޝަލުން ތިއްބެވީ އެއް ތަނެއްގައި ކަމެއް ނުވަތަ އެކި ތަންތަނުގައި ކަމެއް އަދި ސާފެއް ނުވެއެވެ.

އެ ފަރާތްތަކުން ބުނާ ގޮތުގައި މަރުވި މީހުންގެ ތެރޭގައި އީރާނުގެ ރޫހީ ލީޑަރު އަލީ ޚާމަނާއީ އާއި، އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސްގެ ކޮމާންޑަރުގެ އިތުރުން ޑިފެންސް މިނިސްޓަރުވެސް ހިމެނިވަޑައިގަންނަވައެވެ.

މި ހަމަލާތަކުގައި އީރާާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަވެއްޖެކަން އެގައުމުގެ ދައުލަތުގެ މީޑިއާތަކުން މީގެ ކުޑައިރުކޮޅެއް ކުރިން ވަނީ ކަށަވަރުކޮށްދީފައެވެ.

އާދީއްތަ ދުވަހުގެ ހެނދުނު ދައުލަތުގެ ބްރޯޑްކާސްޓަރު 'އައި.އާރް.އައި.ބީ' އިން ރިޕޯޓުކޮށްފައިވާ ގޮތުގައި "އީރާނުގެ ރޫހީ ލީޑަރު ވަނީ ޝަހީދުގެ ދަރަޖަ ހޯއްދަވާފައެވެ."

ދައުލަތާ ގުޅުންހުރި 'މެހެރް' ނިއުސް އިން ބުނެފައިވަނީ "މި މަތިވެރި އިލްމުވެރިޔާ އަދި މުޖާހިދު ވަނީ އީރާން ކުރިއެރުވުމަށްޓަކައި އޭނާގެ ފުރާނަ ގުރުބާންކުރައްވާފައި… އަދި އޭނާ ވަނީ މަތިވެރި ޝަހީދުންގެ އަރިހުގައި" ކަމަށެވެ. ރޫހީ ލީޑަރު އަވަހާރަވުމާ ގުޅިގެން އީރާނުން ވަނީ ގައުމީ ހިތާމައިގެ 40 ދުވަސް އިއުލާނުކޮށްފައެވެ.

މިކަން އިއުލާނުކޮށްފައި މިވަނީ، އެމެރިކާ އާއި އިޒްރޭލުން ގުޅިގެން އީރާނަށް ދިން ވަރުގަދަ ހަމަލާތަކެއްގައި ޚާމަނާއީ އަވަހާރަވެފައިވާ ކަމަށް އެ ދެ ގައުމުން ބުނެފައި ވަަނިކޮށެވެ.

މި ހަމަލާގައި އީރާނުގެ ރޫހީ ލީޑަރު އަލީ ޚާމަނާއީގެ ދަރިކަނބަލަކާއި، ދަނބިދަރިކަލަކާއި އަދި ކާފަދަރިކަލަކު ހަމަލާތަކެއްގައި އަވަހާރަވެފައިވާ ކަމަށް، އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސްއާ ގުޅުން އޮންނަ ފާރސް ނިއުސް އެޖެންސީން ރިޕޯޓުކޮށްފައި ވެއެވެ. އެ އެޖެންސީން މިކަން ހާމަކޮށްފައިވަނީ ޚާމަނާއީގެ އޮފީހުގެ "މައުލޫމާތު އެނގޭ ފަރާތްތަކާ" ހަވާލާދީއެވެ.

މީގެ އިތުރުން، މި ހަމަލާތަކުގައި ޚާމަނާއީގެ ޅީދަރިކަނބަލަކުވެސް އަވަހާރަވެފައިވާ ކަމަށް ބުނެވޭ ކަމަށް ފާރސް ނިއުސް އިން ރިޕޯޓުކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.