ވެމްކޯ މުވައްޒަފުންގެ ރައްކާތެރިކަން ކަށަވަރުކުރަން އެޗްއާރުސީއެމްގެ ތަހުގީގު ފަށައިފި

ވެމްކޯ މުވައްޒަފުންގެ ރައްކާތެރިކަން ކަށަވަރުކުރަން އެޗްއާރުސީއެމްގެ ތަހުގީގު ފަށައިފި

Author
ހުސައިން
26 ފެބްރުއަރީ 2026 09:21
0

ވެމްކޯގެ މުވައްޒަފަކަށް މަސައްކަތުގެ މާހައުލުގައި ސީރިއަސް އަނިޔާތަކެއް ވެ، އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް، އެ ކުންފުނީގެ މުވައްޒަފުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ޚާއްސަ ތަހުގީގެއް ފަށައިފިއެވެ.

މާލޭގެ ވެމްކޯ ސައިޓެއްގައި ހިނގި މި ނުރައްކާތެރި ހާދިސާއާ ގުޅިގެން އެޗްއާރުސީއެމުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ވެމްކޯގެ މަސައްކަތު މާހައުލުގައި މުވައްޒަފުންނަށް އަނިޔާވުމާއި ފުރާނައަށް ގެއްލުންވާފަދަ ހާދިސާތައް ތަކުރާރުކޮށް ހިނގަމުންދާތީ، އެ ކޮމިޝަނުން އިންތިހާއަށް ކަންބޮޑުވާ ކަމަށެވެ. ކުނި މެނޭޖްކުރުމުގެ މަސައްކަތަކީ އޭގެ ޒާތުގައިވެސް ޖިސްމާނީ ގޮތުން ބުރަ، އަދި ނުރައްކާތެރި މާއްދާތަކާއި ބޮޑެތި މެޝިނަރީތައް ބޭނުންކުރަންޖެހޭ މަސައްކަތަކަށް ވާއިރު، މިފަދަ ހާދިސާތަކުގެ ސަބަބުން ވެމްކޯގައި އަޅާފައިވާ ސަލާމަތީ ފިޔަވަޅުތަކުގެ އެކަށީގެންވާ ކަމާމެދު އާންމުންގެ މެދުގައި ވެސް ވަނީ ސުވާލު އުފެދިފައެވެ.

އެހެންކަމުން ކޮމިޝަނުން ފެށި ތަހުގީގުގެ މައިގަނޑު މަގުސަދަކީ މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމުގެ ގާނޫނާ އެއްގޮތަށް އަމަލުކުރޭތޯ ބެލުމެވެ. އޭގެ ތެރޭގައި އެކަށީގެންވާ ޕީޕީއީ ފޯރުކޮށްދިނުމާއި، މުވައްޒަފުންނަށް ބޭނުންވާ ތަމްރީނު ދިނުމާއި، ހާދިސާތައް ރިޕޯޓުކުރެވޭނެ ނިޒާމެއް އޮތްތޯ ބެލުން ހިމެނެއެވެ. މީގެ އިތުރުން ބިދޭސީ މަސައްކަތްތެރިންނާ މެދު ތަފާތުކުރުން ގެންގުޅޭތޯ އާއި، ވަޒީފާގެ ބިރަކާ ނުލައި ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އޮތް މިންވަރު ވެސް މި ތަހުގީގުގައި ބަލާނެއެވެ.

މި ތަހުގީގަށް ވެމްކޯގެ ސައިޓްތަކަށް ޒިޔާރަތްކޮށް، މެނޭޖްމަންޓާއި މުވައްޒަފުންނާ ބައްދަލުކޮށް އަދި ކަމާގުޅޭ ލިޔެކިޔުންތައް ބަލައި ފާސްކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިކަމާ ގުޅޭ މައުލޫމާތު އެނގޭ ފަރާތްތަކުން ކޮމިޝަނަށް މައުލޫމާތު ހިއްސާކުރުމަށް އެދިފައިވާއިރު، މައުލޫމާތު ދޭ ފަރާތްތަކުގެ ސިއްރު ހިފަހައްޓައި، އެ ފަރާތްތަކާ ދެކޮޅަށް އެއްވެސް ފިޔަވަޅެއް ނާޅާނެކަމުގެ ޔަގީންކަން އެޗްއާރުސީއެމުން ވަނީ ދީފައެވެ.

މި ހާދިސާއާ ގުޅޭގޮތުން ރަސްމީ އިދާރާތަކުން ތަފްސީލު ހާމަނުކުރި ނަމަވެސް، ސޯޝަލް މީޑިއާގައި ދައުރުވަމުންދާ މައުލޫމާތުތަކަށް ބަލާއިރު، އަނިޔާވެފައިވަނީ ވެމްކޯގެ ޑްރައިވަރަކަށެވެ. އޭނާ ވެއްޓިފައިވަނީ ގާތްގަނޑަކަށް 12 ފޫޓު މަތިން، ރޭމްޕަކާއި ކޮންޓެއިނަރަކާ ދެމެދަށް ކަމަށް ބުނެފައިވެއެވެ. އާދިއްތަ ދުވަހުގެ ދަންވަރު ހިނގި މި ހާދިސާ ސިއްރުކުރަން އެތަނުގައި ތިބި މުވައްޒަފުންނަށް އެންގި ކަމަށް ތުހުމަތު ކުރެވޭއިރު، މައްސަލަ ފުލުހުންނަށް ހުށަހެޅީ އަނިޔާވި މުވައްޒަފުގެ އާއިލާގެ ފަރާތުންނެވެ. އޭނާގެ ހާލު ސީރިއަސްވެ މިވަގުތު އޮތީ އައިޖީއެމްއެޗްގެ ވެންޓިލޭޓަރުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.