އަތޮޅުތެރޭގެ 56 ރަށަކަށް އެމްޕީއެލް އިން އެމްބިއުލާންސް ފޯރުކޮށްދީ ނިންމާލައިފި

އަތޮޅުތެރޭގެ 56 ރަށަކަށް އެމްޕީއެލް އިން އެމްބިއުލާންސް ފޯރުކޮށްދީ ނިންމާލައިފި

Author
އައިޝަތު އަޙްމަދު
25 ފެބްރުއަރީ 2026 11:10
0

ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ ސިއްހީ ޚިދުމަތްދޭ ތަންތަނަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުމުގެ ގޮތުން، ހެލްތު މިނިސްޓްރީން ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން 56 ރަށަކަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އެމްބިއުލާންސް ފޯރުކޮށްދީ އެ މަސައްކަތް މުޅިން ނިންމާލައިފިއެވެ.

ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ރާއްޖެއަށް އެމްބިއުލާންސް ގެނައުމަށް މިދިޔަ އަހަރު އެމްޕީއެލްއާ ހަވާލުކުރެވުނު މި މަސައްކަތުގެ ދަށުން، ރަށްރަށަށް އެމްބިއުލާންސްތައް ފޮނުވުމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ މަހުގެ 17 ވަނަ ދުވަހުއެވެ. އެމްޕީއެލްއިން މައުލޫމާތު ދީފައިވާ ގޮތުގައި، ރާއްޖޭގެ އެކި ހިސާބުތަކަށް އުޅަނދުތައް ފޮނުވުމުގެ މަސައްކަތް ކުރިއަށް ގެންގޮސް، މި ހިނގާ މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ކަނޑައެޅިފައިވާ ހުރިހާ ރަށަކަށް އެމްބިއުލާންސްތައް ރައްދުކޮށްދީ ނިންމާފައެވެ.

ހަމައެކަނި އުޅަނދުތައް ހަވާލުކުރުމުގެ ބަދަލުގައި، އެ ތަކެތި ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމަށްޓަކައި ބޭނުންވާ ފަންނީ އެހީތެރިކަން ވެސް އެމްޕީއެލްއިން ވަނީ ފޯރުކޮށްދީފައެވެ. އެގޮތުން އެ ކުންފުނީގެ މެކޭނިކަލް ޓީމުން ވަނީ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކުގެ މުވައްޒަފުންނަށް އެމްބިއުލާންސް ދުއްވުމާއި، މަރާމާތުކޮށް ބެލެހެއްޓުމާ ގުޅޭ މުހިންމު ފަންނީ މައުލޫމާތުތައް ހިއްސާކޮށްފައެވެ.

މި މަޝްރޫއުގެ އިތުރުން ވެސް ސިއްހީ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތަފްސީލު ހެލްތު މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ. މިނިސްޓްރީން ބުނެފައިވާ ގޮތުގައި އިތުރު 31 ރަށަކަށް ބޭނުންވާ އައު އެމްބިއުލާންސްގެ އިތުރުން، މާލެ ސަރަހައްދާއި ސިޓީތަކުގައި ޕެރަމެޑިކް ޚިދުމަތް ފުޅާކުރުމަށް ޚާއްސަ 10 އެމްބިއުލާންސް މިއަހަރުގެ ތެރޭގައި ގެނެސް އެ ތަންތަނަށް ފޮނުވުމަށް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.