ރޭ މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް ނިޔާވި އުމުރުން 16 އަހަރުގެ މުޙައްމަދު ނިހާން ނާޒިމްގެ ޖަނާޒާ މިއަދުގެ އަސުރު ނަމާދަށްފަހު ބޭއްވުމަށް ހަމަޖެހިއްޖެއެވެ.
ނިހާންގެ މައްޗަށް ކުރެވޭ ކަށުނަމާދު އޮންނާނީ އާސަހަރާ މިސްކިތް (މަސްޖިދުއްތަޢާވުނި) ގައެވެ. ބ. ދަރަވަންދޫ، ހިޔަލީގުލްޝަންއަށް ނިސްބަތްވާ ނިހާނަކީ އިމާދުއްދީން ސްކޫލުގައި އޯލެވެލް ހަދަމުން ދިޔަ ދަރިވަރެކެވެ. މި ހިތާމަވެރި ވަކިވުމާ ގުޅިގެން އެ ސްކޫލުން ވަނީ ފުން ހިތާމަ ފާޅުކޮށް، މަރުހޫމްގެ އާއިލާއަށް ތައުޒިޔާ ކިޔާފައެވެ.
މި އެކްސިޑެންޓް ހިނގާފައިވަނީ ބޮޑުތަކުރުފާނު މަގު، ބްރިޖް ލައިޓް ކައިރިން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ ގޮސް ޕޭމަންޓް މައްޗަށް އެރުމުގެ ސަބަބުންނެވެ. ފުލުހުން މަޢުލޫމާތު ދީފައިވާ ގޮތުގައި އެ ވަގުތު ސައިކަލު ދުއްވަން އިނީ 19 އަހަރުގެ ފިރިހެނެކެވެ. އަދި އޭނާ ސައިކަލު ދުއްވާފައިވަނީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސެންސް ނެތިކަން ވެސް ފުލުހުން ވަނީ ކަށަވަރުކޮށްދީފައެވެ.
ކޮމެންޓު ފޮނުވާ