ހުޅުމާލޭގައި ތަރައްގީކޮށްފައިވާ "އަމާން އުދަރެސް" ގެ ފްލެޓެއް ގަވާއިދާ ހިލާފަށް ބިދޭސީންނަށް ކުއްޔަށް ދީ، ލޭބަ ކުއާޓަރެއްގެ ގޮތުގައި ބޭނުންކުރަމުން ދިޔަ މައްސަލައެއްގައި ފްލެޓްގެ ވެރިފަރާތް 50،000 ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.
މިކަމާ ގުޅިގެން ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ވިދާޅުވި ގޮތުގައި، ތިން ކޮޓަރީގެ އެ ފްލެޓުން ދެ ކޮޓަރި ކުއްޔަށް ދީފައި ހުރީ ނޭޕާލް ބަޔަކަށެވެ. މި މައްސަލަ އެ ކޯޕަރޭޝަނުގެ ސަމާލުކަމަށް އައީ މި ހިނގާ ފެބްރުއަރީ މަހުގެ ކުރީކޮޅު ކަމަށާއި، މައްސަލަ ބެލުމަށްފަހު އެ ފްލެޓް ހުސްކުރުމަށް މިހާރު 10 ދުވަހުގެ މުއްދަތެއް ވެރިފަރާތަށް ދީފައިވާ ކަމަށް އޭނާ ހާމަކުރެއްވިއެވެ.
މީގެ އިތުރުންވެސް، ފްލެޓް ލިބުނު ފަރާތް ރަށުގައި ދިރިއުޅެމުން އެހެން ދިވެހި އާއިލާއަކަށް ފްލެޓް ކުއްޔަށް ދޫކޮށްފައިވާ މައްސަލައެއް ވެސް ފާހަގަކުރެވިފައިވާ ކަމަށް އެފްޑީސީން ބުނެއެވެ. ސަރުކާރުން މި ފްލެޓްތަކަށް ކަނޑައަޅާފައިވާ ކުއްޔަކީ ގާތްގަނޑަކަށް 9،000 ރުފިޔާ ކަމުގައި ވީނަމަވެސް، ގަވާއިދާ ހިލާފަށް 25،000 ރުފިޔާއަށްވުރެ ބޮޑު އަގުގައި ބައެއް ފަރާތްތަކުން ފްލެޓްތައް ކުއްޔަށް ދޫކުރަމުންދާކަން ވަނީ ފާހަގަކުރެވިފައެވެ.
"ގެދޮރުވެރިޔާ" މަޝްރޫއުގެ ދަށުން ދޫކޮށްފައިވާ މި ފްލެޓްތަކުގެ އެއްބަސްވުމުގައިވާ ގޮތުން، ފްލެޓް ލިބުނު ފަރާތް ނޫން އެހެން ފަރާތަކަށް އެތަން ކުއްޔަށް ދިނުމަކީ ކަނޑައެޅިގެން މަނާ ކަމެކެވެ. އެފްޑީސީން ވަނީ މިފަދަ އަމަލުތައް ހިންގާ ފަރާތްތަކުގެ އެއްބަސްވުން ބާތިލުކޮށް، ފްލެޓް އަތުލަން ޖެހިދާނެ ކަމުގެ ހަރުކަށި އިންޒާރު ދީފައެވެ.
ކޮމެންޓު ފޮނުވާ