މިދިޔަ އަންގާރަ ދުވަހު ފ. އަތޮޅާއި ދ. އަތޮޅުގައި ރަސްމީކޮށް ފެށި އާރުޓީއެލް ފެރީގެ ޚިދުމަތުގެ އަގުތައް ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު އާންމުކޮށްފިއެވެ.
މިނިސްޓްރީން ހާމަކޮށްފައިވާ އަގުތަކަށް ބަލާއިރު، ފ. އަތޮޅުގެ އެތެރޭގެ ދަތުރުތަކަށް އެއްކޮޅު ޓިކެޓެއްގެ އަގު އުޅެނީ 35 ރުފިޔާއާއި 70 ރުފިޔާއާ ދެމެދުގައެވެ. އަދި ދެކޮޅު ދަތުރެއް ނަގާނަމަ އެންމެ ހެޔޮކޮށް 65 ރުފިޔާއަށް ދަތުރު ކުރެވޭއިރު، އެންމެ ބޮޑުކޮށްވެސް އަރަނީ 130 ރުފިޔާއެވެ. ދ. އަތޮޅުގެ އެތެރޭގެ ދަތުރުތައްވެސް ފެށޭ އަގަކީ 35 ރުފިޔާއެވެ. އަދި ދެކޮޅު ދަތުރެއްނަމަ އެންމެ ކުޑަ އަގަކީ 65 ރުފިޔާއެވެ.
ނަމަވެސް ފ. އަތޮޅާ އަޅާބަލާއިރު ދ. އަތޮޅުގެ އެތެރޭގެ ބައެއް ރޫޓުތަކުގެ އަގު ބޮޑުކަން ފާހަގަކުރެވެއެވެ. އެގޮތުން ދ. އަތޮޅުގައި އެންމެ ދުރު ރަށްތަކަށް ކުރާ ދަތުރުތަކަށް ކޮޅަކަށް 125 ރުފިޔާ އަދި ދެކޮޅަށް ނަމަ 225 ރުފިޔާ ނަގައެވެ. މީގެ އިތުރުން މި ދެ އަތޮޅުގެ ދެމެދުގައި (ފ. އަތޮޅާއި ދ. އަތޮޅާ ދެމެދު) ކުރާ ދަތުރުތަކުގެ އަގު އުޅެނީ ކޮޅަކަށް 130 ރުފިޔާއާއި 150 ރުފިޔާއާ ދެމެދުގައެވެ. އަދި މި ރޫޓުން ދެކޮޅަށް ޓިކެޓް ނަގާނަމަ 260 ރުފިޔާއާއި 300 ރުފިޔާއާ ދެމެދުގެ އަގެއް ދައްކަން ޖެހެއެވެ.
އެމްޓީސީސީގެ "އާރުޓީއެލް" ވެބްސައިޓާއި މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ޓިކެޓް ނެގުމުގެ އިންތިޒާމު ހަމަޖެހިފައިވާއިރު، ޚިދުމަތް ތަޢާރަފުކުރުމުގެ ގޮތުން ފުރަތަމަ ހަފުތާގައި މި ދެ އަތޮޅުގައި ހިލޭ ދަތުރުކުރެވޭނެ ފުރުސަތު އެ ކުންފުނިން ވަނީ ދީފައެވެ.
ދެހާސް ބާވީސް ވަނަ އަހަރުން ފެށިގެން ދެމުން އަންނަ އާރުޓީއެލް ފެރީގެ ޚިދުމަތަކީ އާންމުންގެ ބޮޑު ތަރުހީބެއް ލިބިފައިވާ ޚިދުމަތެކެވެ. އެހެންނަމަވެސް، ޚިދުމަތް ފުޅާކުރަމުންދާއިރު އިތުރު ފެރީތައް ނުގެނެސް އޮޕަރޭޝަން ފުޅާކުރާތީ، ކުރިން ޚިދުމަތް ފަށާފައިވާ ޒޯންތަކުގައި ތާވަލާ އެއްގޮތަށް ދަތުރުތައް ނުބޭއްވޭ މައްސަލައިގައި އާންމުންގެ ކަންބޮޑުވުންތައް އިތުރުވަމުންދާކަން ފާހަގަކުރެވެއެވެ.
ކޮމެންޓު ފޮނުވާ